Last Updated: April 27, 08:54
Saturday, April 27, 2024
ޚަބަރު ކޮވިޑު-19

ކޮވިޑު-19: އެޑްމިޓް ކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ދަނީ ދަށަށް: ޑރ. ނަޒްލާ

އެޗްއީއޯސީގެ ތަރުޖަމާން ޑރ ނަޒްލާ ރަފީގް - ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ކޮވިޑް-19 އާއި ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ނިސްބަތުން ދަށަަށް ގޮސްފައިވާ ކަމަށް ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ޖުމުލަ ގޮތެއްގައި ބަލާއިރު މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވަމުން އަންނަކަމަށެވެ. އަދި އިތުރަށް ވެކްސިން ޖަހަމުންދާ ވަރަކަށް ކޭސްތައް މަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ވެކްސިން ޖެހުނު ކަމަށް ބެލެވޭނީ ދެޑޯޒް ފުރިހަމަ ކުރުމުން ކަމަށާއި، އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް އަވަހަށް ވެކްސިން ޖެހުން މުހިންމު ކަމަށް ވިދާޅުވިއެވެ.

ވެކްސިން ޖެހުމުގެ އަސަރުތައް މިހާރުވެސް ކޮންމެވެސް ވަރަކަށް ފެންނަން ފަށާފައިވާކަން ފާހަގަކޮށް ޑރ. ނަޒްލާ ވިދާޅުވީ ނިސްބަތުން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ދަށްވަމުން އަންނަކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑް-19 އާގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ލުއި ދެމުން އަންނަނީ ވެކްސިންގެ ސަބަބުން އަންނަ ބަދަލުތަކަށް ބެލުމަށްފަހު ކަމަށެވެ.

މީގެ އިތުރުންވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވަނީ ބައްޔަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ޑރ. ނަޒްލާ ވިދާޅުވީ ގިނަ މީހުން އެއްވެގެން ރޯދަ ވިއްލުމާއި ތަރާވީސްފަދަ ކަންކަން ބޭއްވުން އަދިވެސް ރަނގަޅު ނޫންކަމަށެވެ. އަދި ފިހާރަކާއި މާރުކޭޓްތަކުގައި ގައިދުރުކަން ބެހެއްޓުމާއި މާސްކް އެޅުން މުހިންމު ކަމަށް ވިދާޅުވިއެވެ.