Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު ޝަރުއީ ދާއިރާ

އަލީ ވަހީދު މައްސަލައިގައި ޕީޖީ ހުރީ ރެޑް ނޯޓިސް ނެރެގެންވެސް ކުރިއަށްދާން ތައްޔާރަށް!

ހުސެއިން ޝަމީމު - ފޮޓޯ: ރާއްޖެއެމްވީ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޖިންސީ ފުރައްސާރައިގެ ދައުވާތަކުގެ ޝަރީއަތަށް ރެޑް ނޯޓިސް ނެރެގެން ނަމަވެސް ކުރިއަށް ގެންދަން ތައްޔާރަށް ހުންނެވިކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ އަލީ ވަހީދު މިހާރު އުޅޭ އެޑްރެސް ޕީޖީއަށް ނޭނގޭކަމަށް ބުނެ އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލި މައްސަލަ ހައިކޯޓުން ބޭރުކޮށްލާފައިވަނީ އެޑްރެސް ނޭނގޭ ހާލަތްތަކުގައި އަމަލުކުރަންޖެހޭ އިޖްރާއަތްތައް ހައިކޯޓުން ފުރިހަމަ ނުކޮށްކަމަށެވެ.

ޕީޖީ ޝަމީމް ވިދާޅުވީ އެޑްރެސް ނޭނގޭ ހާލަތުގައި ފުލުހުންނަށް އަމުރެއްކޮށްގެން ބަންދުގައި ބަހައްޓައިގެން ހާޒިރުކުރަން އަމުރެއްކުރުމަކީ ވެސް ކުރެވޭ ކަމެއްކަމަށާއި، އެކަމާއި ގުޅޭގޮތުން ހައިކޯޓުގެ ގަވާއިދުގައިވެސް އަދި ޝަރީއަތްކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވައިދުގައިވެސް އުސޫލްތަކެއް ކަނޑައަޅަފައި ވާކަމަށެވެ. އެހެންނަމަވެސް ހައިކޯޓުން މި ޕްރޮސެސްތައް ހިންގާފައި ނެތްކަން ފާހަގަކޮށް ޝަމީމް ވިދާޅުވީ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރީ އެ ސަބަބުތަކާ ހެދި ކަމަށެވެ. އަދި އެ ވާހަކަތައް އަޑުއެހުމުގެ ފުރުސަތު ސުޕްރީމް ކޯޓުން ދެއްވާނެ ކަމަށް އުންމީދުކުރާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަމީމް ވިދާޅުވީ އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަދިވެސް އޮތީ ކޯޓުގައި ކަމަށާއި، އެ މައްސަލައިގައި ކޯޓަށް ހާޒިރުވުމަށް ޗިޓު ހަވާލު ނުކުރެވިއްޖެނަމަ އިންޓަރޕޯލް ރެޑް ނޯޓިސްނެރެގެންވެސް އެ މައްސަލަ ކުރިއަށް ގެންދަވާނެކަމަށެވެ.

"ދެން އަމުރު ނެރޭއިރު ހަމައެކަނި އަޅުގަނޑުމެން ރާއްޖެއަކު ނޫން ހަމައެކަނި އަމުރު ނެރެވޭނީކީ. މިދެންނެވީ އިންޓަރޕޯލް ރެޑްނޯޓިސްއާއި އެކަހަލަ ބައިވަރު އިންޓަރނޭޝަނަލް ކަންކަން އެބަހުރި އަޅުގަނޑުމެންނަށް ކުރެވޭނެ." ޝަމީމް ވިދާޅުވިއެވެ.

އަލީވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް:

-ޖިންސީ ކުށުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ
-ޖިންސީ ކުށުގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ
-ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ
-ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ
-ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ
-ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާ އާއި އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ