Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

އިންޑިއާއިން ފާއިތުވި 24 ގަޑިތެރޭ 300،000 މީހުން ކޮވިޑަށް ޕޮޒިޓިވް!

ފާއިތުވި 24 ގަޑިއިރު އިންޑިއާއިން 300،000 އަށް ވުރެ ގިނަ މީހުން ކޮވިޑު-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އިންޑިއާގެ ސިއްހީ އިދާރާތަކުން އާއްމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑިއިރު ތެރޭ އެގައުމުން 314,835 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއީ އެއް ދުވަހެއްގެ ތެރޭ ކޮވިޑަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ފަހަރެވެ. މީގެ ކުރިން އެއްދުވަހެއްްގެ ތެރޭ އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވީ އެމެރިކާއިންނެވެ. އެމެރިކާއިން އެއް ދުވަހެއްގެ ތެރޭ އެންމެ ގިނައިން ޕޮޒިޓިވްވެފައިވަނީ 297,430 މީހުންނެވެ.

އިންޑިއާއިން ފާއިތުވި 24 ގަޑިިއިރު ތެރޭ 2014 މީހަކު ވަނީ ކޮވިޑުގައި މަރުވެފައެވެ. އަދި މިއީވެސް ރިކޯޑު އަދަދެކެވެ.

އިންޑިއާގައި ހަލުވި ކަމާއި އެކު ކޮވިޑު ފެތުރެމުން އަންނަ އިރު ހޮސްޕިޓަލްތައް ވަނީ ފުރި ބާރުވެ، އެޑްމިޓު ކުރެވޭނެ ހާލަތެއް ނެތެވެ. ބައެއް މީހުން ވަނީ ފަރުވާ ނުދެވި މަރުވެފައެވެ. ބޮޑެތި ހޮސްޕިޓަލްތަކުގައި އޮކްސިޖަން ލިބުން ދަތިވެ ބައެއް މީހުންގެ ފުރާނައަށް ވަނީ ގެއްލުން ވެފައެވެ.

އިންޑިއާގައި ކޮންޓްރޯލް ނުވެ ހަލުވިކަމާއި އެކު ކޮވިޑު ފެތުރެމުންދާތީ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ދަނީ ބޮޑެތި ފާޑުކިއުންތައް އަމާޒުވަމުންނެވެ. އެގޮތުން އެންމެ ބޮޑަށް މޯދީއަށް ފާޑު ކިއުން އަމާޒުވެފައިވަނީ މޯދީ އިސްވެ ހުރެ ހިންގަމުން އަންނަ ސިޔާސީ ހަރަކާތްތަކަށް ގިނަ ބަޔަކު މަގުތަކަށް އެއްވަމުން ދިއުމާއި ގުޅިގެންނެވެ.

އިންޑިއާގައި ކޮވިޑު ފެތުރުން ބާރުވެފައި މިވަނީ އެގައުމުން ކޮވިޑާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމާއި ގުޅިގެންކަމަށް ބައެއް ސިއްހީ މާހިރުން ވަނީ ބުނެފައެވެ.

އެގައުމުން މިހާތަނަށް 15.93 މިލިއަން މީހުންނަށް ވަނީ މި ބަލި ޖެހިފައެވެ. އަދި 184,657 މީހުން މި ބަލީގައި މަރުވެފައިވާ ކަމަށް ރަސްމީ ހިސާބުތަކުން ދައްކައެވެ.