Last Updated: April 18, 21:56
Thursday, April 18, 2024
ޚަބަރު

މައްސަލަ ނެތް އެންމެ ވޯޓު ފޮއްޓެއްވެސް ނެތް: ނިހާދު

ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މައްސަލަ ނެތް އެންމެ ވޯޓު ފޮއްޓެއްވެސް ނެތް ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި މައްސަލައެއް ނެތް އެންމެ ވޯޓު ފޮއްޓެއްވެސް ނެތް ކަމަށާއި، އަވަހަށް ދާއިމީ ނަތީޖާ އިއްލާންކޮށް ނިންމާލަނީ ހެދިފައި ހުރި ގޯސްތައް ފޮރުވަން ކަމަށެވެ.

ނިހާދުގެ ޓްވީޓަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފުވަނީ ރައްދު ދެއްވާފައެވެ. ޝަރީފި ވިދާޅުވީ އިންތިހާބުން މޮޅުވާނީ ކޮންމެވެސް އެކަކު ކަމަށާއި ކުރިމަތިލާ އެންމެން އިންތިހާބުވާ ނަމަ އެއްވެސް މައްސަލައެއް ނެތީސް ކަމަށެވެ.

ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ފޭދޫގެ ދެ ގޮޑިވެސް ކާމިޔާބު ކުރީ ޕީޕީއެމްއިންނެވެ. ފޭދޫ މާދެލަ ގޮޑި ކާމިޔާބު ކުރި މުހައްމަދު ފައިސަލް އާއި އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް ޝިޔާޒު އާއި ދެމެދު ހުރީ 22 ވޯޓުގެ ތަފާތެވެ. ވޯޓުގެ ނަތީޖާއަށް ފަހު މާދެލަ ވޯޓު ފޮއްޓަށް އިތުރު ކަރުދާސްކޮޅެއް އެޅި މައްސަލަައެެއް ވަނީ އިލެކްޝަނަށް ހުށަހަޅާފައެވެ.

އެކަމާއި ގުޅިގެން ޝަރީފު ވިދާޅުވީ ފޭދޫ ފޮށީގެ މައްސަލަ އިލެކްޝަނުން ބަލާފައިވާ ކަމަށެވެ. އަދި ފޮށި ކަނޑައިގެން ނަތީޖާ ބަލަން ޖެހޭ ވަރުގެ މައްސަލައެއް އެފޮށީގައި ނެތް ކަމަށެވެ.

"އޮޅިގެން އޮފިޝަލަށް ދޫކުރެވިފައިވާ ވޯޓު ކަރުދާސްކޮޅު ސައްހަ ވޯޓެއްްގެ ގޮތުގައި ގުނި ކަމުގައި ވިޔަސް ނަތީޖާއަށް ބަދަލެއް އަންނަ ކަމަކަށް ނުވާތީ ފޮށި ކަނޑައިގެން ނަތީޖާ ޗެކު ކުރުމުގެ ބޭނުމެއް ނެތް" ޝަރީފު ވިދާޅުވިއެވެ.