Last Updated: May 8, 09:25
Wednesday, May 8, 2024
ޚަބަރު

ކައުންސިލް އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކޮށްފި

މި މަހުގެ 10 ދުވަހު ބޭއްވި ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކޮށް ނިމިއްޖެއެވެ.

އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކޮށް ނިންމާފައިވަނީ ރޭގެ ވަގުތެއްގައެވެ. އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރަން ފެށީ މި މަހުގެ 22 ވަނަ ދުވަހުއެވެ. އިންތިހާބާ ބެހޭ ގާނޫނުގައި ބުނާގޮތުން ވޯޓުލާތާ 14 ދުވަހުގެ ތެރޭގައި ދާއިމީ ނަތީޖާ އިއުލާނުކުރަންޖެހެ އެވެ.

އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކޮށް ނިންމި ނަމަވެސް ތ.ގާދިއްފުއްޓާއި ލ.މާވަށުގައި ވޯޓުލުމުގެ މަސައްކަތް އަލުން ކުރިއަށް ގެންދިޔުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މި ދެ ރަށުގައި ވޯޓުލުން އަލުން ބާއްވަނީ ބައެއް މައްސަލަތައް ފާހަގަވުމުންކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ގިނަ ގޮނޑި ކާމިޔާބުކުރީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީންނެވެ. އެ ޕާޓީން ވަނީ ތިން ސިޓީއެއްގެ މޭޔަރުކަމާއި 11 އަތޮޅެއްގެ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބު ކޮށްފައެވެ.

އިދިކޮޅު ޕީޕީއެމުން ވަނީ މި އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމާއި މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީގެ އިތުރުން ހަތް އަތޮޅެއްގެ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބު ކޮށްފައެވެ.

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޖުމްލަ 3934 ކެނޑިޑޭޓުން ވާދަކުރިއެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރި 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރި 1670 ކެނޑިޑޭޓުންނެވެ.

މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު 273128 މީހުންނަށް ލިބިފައިވީ ނަމަވެސް ވޯޓުލާފައިވަނީ 182،995 މީހުންނެވެ.