Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އެމްޑީޕީއަށް މާލެ ގެއްލުނީ އެމްއެމްޕީއާރްސީ މައްސަލަ ނުބެލުމުން

މެމްބަރު އަހުމަދު ހަލީމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ އަށް ވެރިރަށް މާލެއިން ނާކާމިޔާވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ނުބެލުމުން ކަމަށް ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.

ދޮންބިލެތް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތުހުމަތު ކުރެވިފައި ހުރި ފަރާތެއް އެމްޑީޕީގެ މާލޭގެ ރައީސް ކަމަށް ނިކުތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ކައުންސިލް އިންތިހާބުގައި މާލެ އެމްޑީޕީ އަށް ގެއްލުމުގެ އަސްލަކީ އެމްއެމްޕީއާރްސީ އާއި މަރުތަކަށް އިންސާފު ނުހޯދުން. އެމްޑީޕީ މެމްބަރުން ވިސްނާނެ ވޯޓު ދޭއިރު" ދޮންބިލެތް ވިދާޅުވިއެވެ.

ދޮންބިލެތް އެ އިޝާރާތް ކުރައްވަނީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އަށެވެ. އެގޮތުން އަކްރަމް ވަނީ އަންނަ މަހުގެ 29 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ މާލޭގެ ރައީސް ކަމަށް ވާދަކުރައްވާނެކަން ރޭ އިއުލާން ކުރައްވާފައެވެ. އެ މަގާމަށް މާލޭގެ މިހާރުގެ މޭޔަރު ޝިފާ މުހައްމަދު ވެސް ވާދަކުރައްވައެވެ.

އަކްރަމް އަކީ އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ ވަން ސްކޯސް އޮފް ފްލެެއާ (އެސްއޯއެފް) ކުންފުންޏާ އެކު ފައިސާ މުއާމަލާތް ކުރެއްވި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކުލަވާލި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަފްސީލީ ރިޕޯޓުގައިވާ ފަރާތެކެވެ. އެގޮތުން އެސްއޯއެފްގެ އެކައުންޓުން އަކްރަމްގެ އެކައުންޓަށް 30،000 ޑޮލަރު ޖަމާކޮށްފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ނަމަވެސް އެ މައްސަލަ އޭސީސީ އާއި ފުލުހުން ފަހުން ތަހުގީގުކޮށް ބެލުމަށް ފަހު ވަނީ އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ނިންމާފައެވެ.