Last Updated: May 18, 10:45
Saturday, May 18, 2024
ޚަބަރު

މާންދޫ ކްލަސްޓާ: ޕޮޒިޓިވްވި މީހުންގެ އަދަދު 45 އަށް

ލ. މާންދޫ ކްލަސްޓާ އިން އިތުރު 34 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ލ.ގަން ރީޖަނަލް ހޮސްޕިޓަލުން ބުނީ އިއްޔެ ޕޮޒިޓިވްވި 34 މީހުންނާއެކު އެ ކްލަސްޓާ އިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 45 އަށް އަރާފައިވާ ކަމަށެވެ. އެ ކްލަސްޓާއާ ގުޅިގެން މިހާތަނަށް 153 ސާމްޕަލެއް ނަގާފައިވާއިރު ނަތީޖާ ނުލިބޭ 85 ސާމްޕަލް އެބައޮތެވެ.

މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އިން އެންމެ ފުރަތަމަ ކޮވިޑަށް ބަޔަކު ޕޮޒިޓިވް ވެފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެއާއެކު އެ ރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.

މީގެއިތުރުން ކޮވިޑް ކޭސްތަކެއް ފެނުމާ ގުޅިގެން އެޗްޕީއޭ އިން އިއްޔެ ވަނީ ލ.ގަމާއި ފޮނަދޫ އަށް އަރާ ފޭބުން ވެސް މަނާކޮށްފައެވެ. ޕޮޒިޓިވް ކޭސްތައް ފެނިފައިވަނީ ގަމުން ކަމަށްވާއިރު، އެ ރަށުން ވަނީ ތިން މީހަކު ޕޮޒިޓިވްވެފައެވެ. އެއީ ކަރަންޓީނުގައި ތިބި ބައެއް ނޫނެވެ.