Last Updated: May 18, 11:20
Saturday, May 18, 2024
ޚަބަރު

ހަތް މީހަކު ފިޔަވައި ހުރާ އިން ޕޮޒިޓިވްވި އެންމެން ރަނގަޅުވެއްޖެ

ހަތް މީހަކު ފިޔަވައި ކ.ހުރާ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އެންމެން ރަނގަޅުވެއްޖެއެވެ.

ހުރާ އިން ފުރަތަމަ ޕޮޒިޓިވްވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު މާލެއަށް ޑޮކްޓަރަށް ދެއްކުމަށް ފޮނުވާލި ބަލި މީހެކެވެ. އެމީހާ ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން ހުރާ މޮނީޓަރިން ހާލަތަށް ގެނައުމަށްފަހު މިހާރު ވަނީ އެ ރަށް އާންމު ހާލަތަށް ގެނެސްފައެވެ.

ހުރާގެ ހެލްތް ސެންޓަރުން ރޭ އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، އެ ރަށުން ޖުމްލަ 175 މީހަކު ކޮވިޑަށް ޕޮޒިޓިވް ވިއިރު އޭގެތެރެއިން 168 މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ. އެ ރަށުގައި އެކްޓިވް ކޭސްގެ ގޮތުގައި މިހާރު އުޅެނީ ހަތް ކޭސް ކަމަށް ހެލްތު ސެންޓަރުން ބުނެއެވެ.

މިހާތަނަށް ހުރާ އިން ޖުމްލަ 1107 ސާމްޕަލް ނަގާފައިވާއިރު، ނަތީޖާ ނުލިބޭ 9 ސާމްޕަލް އެބައޮތް ކަމަށްވެސް ހެލްތް ސެންޓަރުން ހާމަކުރެއެވެ.

ކޮވިޑްގެ ނުރައްކާ މާލެ އާއި ރަށްތަކުގައި ބޮޑުވެފައިވާއިރު، ރަށްތަކުގައި ކޮވިޑްގެ 1000 އަށް ވުރެ އެކްޓިވް ކޭސް އުޅޭ ކަމަށް އެޗްއީއޯސީން ބުނެއެވެ. އަދި ގިނަ ރަށްތަކެއް ވަނީ މޮނީޓަރިން ހާލަތަށް ގެނެސްފައެވެ.