Last Updated: June 29, 19:00
Monday, June 29, 2026
ޚަބަރު

އޮޑިޓް ރިޕޯޓް އެކުލަވާލީ މިކުންފުނީގެ ބަހެއް ނެތި، އެއީ ބާތިލު ރިޕޯޓެއް: މާލެ ހައި ޕްރައިވެޓް ލިމިޓެޑް

މަންދު ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) - ފޮޓޯ: މިހާރު

މަންދު ކޮލެޖް މައްސަލައިގައި އޮޑިޓަރ ޖެނެރަލް ތައްޔާރު ކުރި އޮޑިޓް ރިޕޯޓް އެކުލަވާލާފައިވަނީ މާލެ ހައި ޕްރައިވެޓް ލިމިޓެޑްގެ އެއްވެސް ބަހެއް ނެތި ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްއީއެސް ކުރިން ހިންގި އިމާރާތް މަންދު ކޮލެޖަށް ދޫކުރި އެއްބަސްވުުން ބާތިލްކޮށް، ސަރުކާރުން އެތަން އަތުލި މައްސަލާގައި ގެއްލުމުގެ ބަދަލަށް 15 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން އޭޕްރިލް 19 ގައި އަމުރުކުރި ފަހުން މީޑިއާގައި ވަނީ އެމައްސަލައިގައި 20 ސެޕްޓެމްބަރު 2020 ގައި އޮޑިޓަރ ޖެނެރަލް ތައްޔާރުކޮށްފައިވާ އޮޑިޓް ރިޕޯޓެއް އާންމުވެފައެވެ.

"އެމްއީއެސް ހިންގި އިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް ހިނގުމަށް ހެދި އެއްބަސްވުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އުވާލުމުން ހޯދުމަށް ހުށަހަޅާފައިވާ ގެއްލުމުގެ ބަދަލާ ގުޅޭ އުސެސްމަންޓް ރިޕޯޓް" ގައި އޮޑިޓަރ ޖެނެރަލް ލަފާކޮށްފައިވާ ގޮތުން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެންމެ ގިނަ ވެގެން ދޭންޖެހޭނީ 1،279،621 ރުފިޔާއާއި 1،581،475 ރުފިޔާއާއި ދެމެދުގެ މާލީ ބަދަލެކެވެ.

އެ އޮޑިޓް ރިޕޯޓްގެ ވާހަކަތަކާއި ގުޅިގެން މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްވުން އުވާލީ ގޯހުންކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން، ކުންފުންޏަށް ލިބުނު ޖުމުލަ ގެއްލުން ވަޒަން ކުރެވެންދެންވެސް، ކުންފުންޏަށް ލިބުނު ސީދާ ގެއްލުމުގެ ބަދަލު ހޯދުމަށް އެކަމުގެ ހިސާބެއްކޮށް، ފަންނީ ހަބަރުންގެ ތެރެއިން މުސްތަޤިއްލު، ބައިނަލްއަޤްވާމީ އޮޑިޓް ފަރމެއްގެ ރިޕޯޓާއެކު 18 މިލިއަން ރުފިޔާގެ ހަރަދެއް ހިނގާފައިވާކަމުގެ ކިތާބީ ހެއްކާއެކު ޝަރީއަތަށް ހުށަހެޅިކަމަށެވެ. އަދި ދައުލަތުން ވަނީ އެ އަދަދުގެ ތެރެއިން 15 މިލިއަން ރުފިޔާގެ ހަރަދުތަކަށް އިންކާރުނުކޮށް، އެޢަދަދަށް ކުޑަކުރުމަށް ޝަރީޢަތުގައި އެދިފައިކަމަށާއި، އަދި ޝަރިއަތުގެ ދިގު މަރުހަލާއަށް ނުގޮސް 3 މިލިއަންގެ ގެއްލުމަކާއެކު އެ ކުންފުނިން ނިންމީ ސަރުކާރުގެ ހުށަހެޅުން ގަބޫލުކުރުމަށް ކަމަށް ބަޔާނުގައިވެއެވެ.

މިކަމުގައި އޮޑިޓް ރިޕޯޓެއް ތައްޔާރުކޮށްފަިއ އޮތްކަން މީޑިއާއިން އެނގުނުކަން ފާހަގަކޮށް މާލެ ހައިގެ ނޫސްބަޔާނުގައި ބުނެފައިވަނީ، އޮޑިޓަރ ޖެނެރަލް މިފަދަ ރިޕޯޓެއް ނެރުއްވި ކަމެއް، ނުވަތަ އެކުލަވާލެއްވިކަމެއްވެސް މިއަދާ ހަމައަށްވެސް ރަސްމީ ސިފައެއްގައި އެ ކުންފުންޏަށް އެނގިފައެއް ނުވާކަމަށެވެ. އަދި އެ ރިޕޯޓް ލިބިފައިވެސް ނުވާކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ މަންދު ކޮލެޖުގެ މައްސަލައިގައި އޮޑިޓަރ ޖެނެރަލް ތައްޔާރު ކޮށްފައިވާ ރިޕޯޓަކީ ސައްހަ ނޫން ތައައްސުބު އެކުލެވޭ ރިޕޯޓެއް ކަމަށެވެ.

"މި ކުންފުނިން ދެކޭ ގޮތުގައި މި ކުންފުނީގެ މުދަލާއި ވިޔާފާރިއަށް ލިބިފައިވާ ގެއްލުން އޮޑިޓަރ ޖެނެރަލަށް ޢަދުލުވެރިކަމާއެކު ވަޒަންކުރެއްވޭނީ މި ކުންފުނީގެ ބަހެއްވެސް ހޯއްދަވައިގެންނެވެ. މި ކުންފުނީގެ އެއްވެސް ލިޔެކިޔުމެއް، ރެކޯޑެއް ނުވަތަ މަޝްވަރާއެއްވެސް ބެއްލެވުމެއް ނެތި އޮޑިޓަރ ޖެނެރަލް އެކުލަވާ ލެއްވި މި ރިޕޯޓަކީ އޭގައި އެއްވެސް ޞައްޙަކަމެއް، ބުރަދަނެއް ނެތް، ބައިނަލްއަޤްވާމީ އޮޑިޓްކުރުމުގެ މިންގަނޑުތަކާ ޚިލާފް، ތަޢައްޞުބު އެކުލެވޭ ބާޠިލް ރިޕޯޓެކެވެ." މާލެ ހައި ޕްރައިވެޓް ލިމިޓެޑްގެ ބަޔާނުގައިވެއެވެ.

މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރައްޔިތުންގެ ތެރޭގައި އޮޅުންތައް އަރާނޭގޮތަށް އޮޑިޓަރ ޖެނެރަލް ސިއްރިޔާތުގައި މި ފަދަ ރިޕޯޓެއް ނެރުއްވުމަކީ ޒިންމާދާރުކަން ކުޑަ، އޮޑިޓަރ ޖެނެރަލްގެ މަޤާމާ އެކަށީގެންނުވާ އަމަލެއްކަމަށެވެ.

މާލޭ ހައިގެ ބަޔާނުގައި ބުނެފައިވަނީ މި މައްސަލައިގެ ތަފްސީލު އެ ކުންފުނިން ވަރަށް އަވަހަށް ހާމަކުރާނެ ކަމަށާއި އެ ކުންފުނިން އެއްވެސް ނާޖައިޒު ފައިދާއެއް ނުހޯދާކަމަށެވެ.

މަންދު ކޮލެޖަށް ބަދަލު ދިނުން: އޮޑިޓް އޮފީހުން ލަފާ ކުރީ 1.5 މިލިއަންގެ ބަދަލެއް ދިނުމަށް!