Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

ހުޅުމީދޫގެ ކޮވިޑްގެ ހާލަތު ގޯސް، ސަމާލުވޭ!

އައްޑޫ ސިޓީ ހުޅުމީދޫގެ ކޮވިޑް-19 ގެ ހާލަތު ގޯސް ކަމަށާއި ހުރިހާ ރައްޔިތުން ވެސް ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ހުޅުމީދޫ ސިއްހީ މަރުކަޒުގެ މެނޭޖަރ އިބްރާހިމް ދީދީ (އިބުރޭ) އިލްތިމާސްކޮށްފިއެވެ.

ހުޅުމީދޫން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މާލެ ދަތުރުކުރާ "ނިއުލައިން" ބޯޓުގެ ފަޅުވެރިއެކެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އެ ބޯޓުގެ އިތުރު ފަޅުވެރިންތަކެއް ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު އެ ރަށުން ނެގި ރެންޑަމް ސާމްޕަލެއް ވެސް ވަނީ ޕޮޒިޓިވް ވެފައެވެ.

ޕޮޒިޓިވް ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނައިރު، އިބުރޭ ވިދާޅުވީ ރަށުގެ ކޮވިޑްގެ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކަކުން ވެސް މާސްކު އެޅުމަށް އިސްކަންދީ، މިވަގުތު ގޭގައި ތިބުން ރަނގަޅު ކަމަށް އިބުރޭ ވިދާޅުވިއެވެ.

މީގެކުރިން ވެސް އައްޑޫގެ އެކި ރަށްރަށުން ކޮވިޑްގެ ކޭސްތައް ފެނި، މުޅި އައްޑޫ މޮނީޓަރިން ހާލަތަށް ގެނެސްފައިވެއެވެ.

ކޮވިޑްގެ ނުރައްކާ މާލޭގެ އިތުރުން ރަށްރަށުގައި ވެސް މިހާރު އަންނަނީ ބޮޑުވަމުންނެވެ. އެގޮތުން އަތޮޅުތެރޭގެ އެކި ރަށްތަކުގައި ކޮވިޑް 1200 އަށް ވުރެ ގިނަ އެކްޓިވް ކޭސް އުޅޭއިރު ގިނަ ރަށްތަކެއް ވަނީ މޮނީޓަރިން ހާލަތަށް ގެނެސްފައެވެ.