Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ހުޅުމީދޫ އިން ޕޮޒިޓިވްވި މީހުންގެ އަދަދު 13 އަށް

ހުޅުމީދޫ ފެރީޓާމިނަލް ސަރަަހައްދުގައި ބަޔަކު މަޑުކޮށްލައިގެން، ފޮޓޯ: އިބްރާހިމް އަބްދުﷲ

އައްޑޫ ސިޓީ ހުޅުމީދޫ އިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 13 އަށް އަރައިފިއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ އެ 13 ކޭސްގެ ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް 36 ފަރާތެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

ހުޅުމީދޫން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މާލެ ދަތުރުކުރާ "ނިއުލައިން" ބޯޓުގެ ފަޅުވެރިއެކެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އެ ބޯޓުގެ އިތުރު ފަޅުވެރިންތަކެއް ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު އެ ރަށުން ނެގި ރެންޑަމް ސާމްޕަލެއް ވެސް އިއްޔެ ވަނީ ޕޮޒިޓިވް ވެފައެވެ.

ޕޮޒިޓިވް ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނައިރު، ރަށުގެ ކޮވިޑްގެ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށާއި އެހެންކަމުން ހުރިހާ ފަރާތްތަކަކުން ވެސް މާސްކު އެޅުމަށް އިސްކަންދީ، މިވަގުތު ގޭގައި ތިބުން ރަނގަޅު ކަމަށް ހުޅުމީދޫ ހެލްތު ސެންޓަރުން ބުނެއެވެ.

ހުޅުމީދޫން އިތުރު ކޭސްތަކެއް ފެނުނުއިރު އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ފްލޫ ކްލިނިކަށް ދެއްކި މީހަކު މިއަދު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އޭނާގެ ކޮންޓެކްޓުންގެ އަދަދު ވަނީ 23 އަށް އަރާފައެވެ.