Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ކުރި މައްސަލަ ބަލަނީ

ފޮޓޯ: ސަންއޮންލައިން

މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާގޮތް ހާއްސަ ސަމާލުކަމެއް ދީގެން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް އިން ކޮމާންޑުންނާއި ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީއިން ބަލަން ފަށާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިކަން ހާމަކުރައްވާފައިވަނީ މި މައްސަލައާއި ގުޅިގެން ޕޮލިސް އޮފިޝަލް ޓްވިޓާ މެދުވެރިކޮށް ކުރައްވާފައިވާ ޓްވީޓެއްގައެވެ. މި މައްސަލައިގެ ތަފްސީލް، މައްސަލަ ކުރިޔަށް ދިޔަވަރަކުން ހިއްސާކުރައްވަމުން ގެންދަވާނެ ކަމަށް ވެސް އެ ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

ވަޒީފާގެ މާހައުލުގައި ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް އަޑުއުފުލުމަށް ރޭ ޒުވާނުންތަކެއް މާލޭގައި ކުރި މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށް، ފުލުހުން އަނިޔާ ކޮށްފައިވާ ކަމަށް ބުނެ، އާންމުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ފުލުހުން ބާރުގެ ބޭނުން ކުރަންވާނީ ކަނޑައެޅިފައި އޮންނަ މިންގަނޑުގެ ތެރެއިން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ވިދާޅުވެފައެވެ. އެކަމާ ގުޅިގެން އިމްރާން ވިދާޅުވީ ފުލުހުން ބާރުގެ ބޭނުން ކުރަން ގާނޫނު ހުއްދަކުރާ ހާލަތުގައި ވެސް ބާރުގެ ބޭނުންކުރަން ވާނީ ބާރުގެ ބޭނުން ކުރުމަށް ކަނޑައެޅިފައި އޮންނަ މިންގަނޑުގެ ތެރެއިން ކަމަށެވެ. އަދި ރޭ ހިނގާދިޔަ ހާދިސާގައި ބާރުގެ ބޭނުން ކުރުމުގެ މިންގަނޑުތަކާ ހިލާފަށް އެއްވެސް ކަމެއް ހިނގާފައިވޭތޯ ބައްލަވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.