Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ރާއްޖޭގެ ކޮވިޑު ކޭސްތައް 30،000 އިން މައްޗަށް!

ރާއްޖެއިން ކޮވިޑު-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 30،000 އިން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުގައި ހޮނިހިރު ދުވަހުގެ ހަވީރު 6 ޖެހުމާއި ހަމައަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދަކީ 30،237 އެވެ. އިއްޔެ އެކަނިވެސް 402 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ފާއިތުވި ދެ ހަފްތާ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 300 އިން މަތީގައެވެ. އަދި މިހާރު ކޮވިޑު ޖެހިފައިވާ 5221 މީހުން އެބަތިއްބެވެ.

ކޮވިޑުގެ ކޭސްތައް މާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދަނީ ބާރު ސްޕީޑުގައި ފެތުރެމުންނެވެ. އެގޮތުން ބައެއް ރަށްތަކުގައި 100އަށް ވުރެ ގިނަ ބަލި މީހުން އެބަތިއްބެވެ.

ކޮވިޑަށް ގިނަ ބަޔަކު ޕޮޒިޓިވްވަމުން އަންނަ އިރު މި ބަލީގައި މަރުވާ މީހުންވެސް އަންނަނީ އިތުރު ވަމުންނެވެ. އެގޮތުން އިއްޔެ ވެސް ވަނީ 39 އަހަރުގެ ބިދޭސީއަކު ކޮވިޑަށް ފަރުވާ ދެމުން ދަނިކޮށް މަރުވެފައެވެ. މިހާތަނަށް ރާއްޖެއިން 74 މީހަކު ވަނީ ކޮވިޑުގައި މަރުވެފައެވެ.