Last Updated: April 27, 06:22
Saturday, April 27, 2024
ރިޕޯޓް ކޮވިޑު-19

ވެކްސިން ޖެހުމުގެ އިންތިޒާމުތައް ބޮއްސުންލާފައި!

ފޮޓޯ: މުހައްމަދު މުއިއްޒު އަދުނާނު

2020 ވަނަ އަހަރު ހޭދަ ކުރަން ޖެހުނީ ކޮވިޑް-19 ގެ ބިރުވެރި ކަމުގެ ތެރޭގައެވެ. ކޮވިޑަށް ދޭނޭ ފަރުވާއެއް، ޖަހާނެ ވެކްސިނެއް ނެތި ތިއްބާ ލިބުނު އުންމީދުގެ އަލިކޮޅަކަށްވީ ވެކްސިންތަކަކަށް ހުއްދަ ދޭންފެށުމެވެ. މިއާއެކު މި އަހަރު ކުރީކޮޅު ރާއްޖެއަށް ވެކްސިން ގެނެސް ބޮޑު ޤައުމީ ކެމްޕޭނެއްގެ ދަށުން ވެކްސިން ޖެހުމުގެ މަސައްކަތްތައް ފެށިއެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމުގެ ކަންކަން އެޗްޕީއޭއިން ކުރިއަށް ގެންގޮސްފައިވަނީ ވަރަށްވެސް ރޭވުންތެރިކަމާ އެކީގައެވެ. އެހެން ބުނެވެން އޮތީ، އޭރު މާލޭގައި ވެސް ވެކްސިން ޖެހުމުގެ ކަންކަމާއި ގުޅިގެން އާންމުންގެ ބޮޑެތި ކަންބޮޑުވުންތައް ނެތީތީ އެވެ. ވެކްސިން ކިއުތައް ދިގުވެ މަގުތަކުގައި ބޮޑެތި ކއުތައް އޮތް ނަމަވެސް، މާބޮޑު އުނދަގުލަކާ ނުލާ ވެކްސިންގެ ކަންކަން ކުރިއަށް ގެންދެވުނެވެ.

އެހެންނަމަވެސް ރޯދަ މަހާއެކު މަންޒަރު ބަދަލުވެ ވެކްސިން ޖެހުމުގެ އިންތިޒާމުތައް ދޯދިޔާ ވެފައިވާ ކަމަށް ގިނަ ބަޔަކު ބުނަން ފެށިއެވެ.

ރޯދަ މަހާއެކީ ފުރަތަމަ ފާހަގަވާން ފެށީ ވެކްސިން ކިއު ތަކުގެ ދިގުކަމެވެ. ކިއުއަށް އަރާ 2 ނުވަތަ 3 ގަޑިއިރު ހޭދަ ކުރާއިރުވެސް ވެކްސިން ނުޖެހޭ ވާހަކައެވެ. ގިނަ ބަޔެއްގެ ފާޑުކިޔުން ވެކްސިން ކިއުތަކަށް އޮތް އިރު އެއްބަޔަކު އަންނަނީ ޒަމާނާ އެއްގޮތަށް އޮންލައިންކޮށް ކިއު ނަމްބަރު ދޫކޮށްގެން ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ނުގެންދެވޭ ސަބަބަކީ ކޮބައިތޯ ސުވާލު އުފައްދަމުންނެވެ.

ކޮންމެ ރެޔަކު ވެކްސިން ޖެހުމަށް ދަމާލާ ދިގު ކިއުތަކުގެ ސަބަބުން ކިއުގައި ޖެހުމުގެ ކަންކަން މިހާރު އޮތީ ބޮޑު ވޭނަކަށް ވެފައެވެ. ހާއްސަކޮށް ރަމަޟާން ރޯދަ މަހު، ރޯދަ ވީއްލުމުގެ ގަޑިއެއް ހާއިރު ކުރިން މީހުން ކިއުގައި ޖެހި އެތަނުގައި ވެކްސިނެއް ޖެހުމުގެ އިންތިޒާރުގައި ތިބެންޖެހުމަކީ ދެވޭ އަނިޔާއެވެ. މިދައްކަނީ ވެކްސިން ޖެހުމުގެ ހަތަރު ގަޑިއިރު ކުރިން ކިއުއެއްގައި ޖެހެން ޖެހޭ ވާހަކަ އެވެ.

ރޯދަ މަހަށްވީތީ ވެކްސިން ޖެހުމަށް އޮތް ވަގުތުކޮޅު މަދުވެފައި އޮތް ނަމަވެސް، ވެކްސިން ޖެހުމަށް ބޭނުންވާ މީހުންގެ އަދަދަށް ބަދަލެއް ނާންނަ ކަމުގައި ވާނަމަ، ވެކްސިން ކިއުތަކަށް ހައްލެއް ހޯދައި ދިނުމަކީ ކަމާގުޅުންހުރި އިދާރާތަކުގެ މައްސޫލިޔަތެކެވެ. އިތުރު ވެކްސިން ސެންޓަރުތައް ހުޅުވައިގެން ނަމަވެސް، ނުވަތަ އޮންލައިންކޮށް ވެކްސިން ނަމްބަރު ދޫކޮށްގެން ނަމަވެސް ގިނަ ވަގުތު ހޭދަވާ ދިގު ވެކްސިން ކިއުތަކަށް ނިމުމެއް ގެންނަން ވެއްޖެއެވެ.