Last Updated: April 26, 22:31
Friday, April 26, 2024
ޚަބަރު

ޝުޖާއު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ހުޅުމާލެ ދާއިރާގެ އިންތިހާބީ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝުޖާއު ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ރޭގެ ވަގުތެއްގައެވެ.

ޝުޖާ ޕޮޒިޓިވްވުމާއި ގުޅިގެން އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުންނާއި އާންމުން އަންނަނީ އޭނާ އަށް ހެޔޮ ދުއާކޮށް ޓުވީޓް ކުރަމުންނެވެ.

މާލޭގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާއިރު އިއްޔެ ރާއްޖެއިން ވަނީ 734 މީހުން ބައްޔަށް ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން 540 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

ކޮވިޑް ކޭސްތައް މާލެއިން ގިނަ އަދަދަކަށް ފެންނަމުންދާތީ އެޗްޕީއޭ އިން ވަނީ މިރޭ 9 އިން ފަތިހު 4 އަށް މާލެ ސަރަހައްދުގައި ކާފިއު ހިންގުމަށް ނިންމާފައެވެ. މި ވަގުތުތަކުގައި ހިނގާބިނގާވެ އުޅުމާއި ދުއްވާ އެއްޗެހި ދުއްވުމަކީ މަނާ ކަމެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި ޒަރޫރީ ބޭނުމަށާއި ޑެލިވަރީގެ ހިދުމަތްތަކަށް ފުލުހުން ހުއްދަ ދޫކުރަމުން ގެންދާނެ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 32،665 އަށް އަރާފައެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 7109 ކޭސް އެވެ. މި ބަލިން 25،473 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 198 މީހަކަށެވެ. މި ބަލީގައި 74 މީހަކު ވަނީ ނިޔާވެފައެވެ.