Last Updated: April 18, 22:36
Friday, April 19, 2024
ޚަބަރު ކޮވިޑު-19

ލޮކްޑައުން ކުރަންޖެހިދާނެ ކަމުގެ އިންޒާރު ދީފި

މާލެ ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށަށްނުދާނަމަ ލޮކްޑައުނަކަށް ދާންޖެހިދާނެ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ބުނެފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަހުމަދު ޝަހީދު ވިދާޅުވީ މިދިޔަ ހަފަތާގައިވެސް ކޮވިޑް-19 އަށް 3000 އަށްވުރެއް ގިނަ މީހުން ޕޮޒިޓިވް ވެފައިވާކަމަށެވެ. އަދި މާލެ ސަރަހައްދުން އެކަނި ދުވާލަކު 400 އަދި 500 އާ ދެމެދުގެ އަދަދަކަށް މީހުން ޕޮޒިޓިވް ވަމުން އަންނަކަމަށްވެސް ޑރ. ޝަހީދު ވިދާޅުވިއެވެ. ޑޮކްޓަރު ވިދޅާުވީ ކުރީ ހަފްތާތަކާއި ބަލާއިރު މިހާރު ޕޮޒިޓިވް ނަންބަރު ހުރީ 75 އިންސައްތަ މަތީގައި ކަމަށެވެ.

ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އެކިއެކި ފިޔަވަޅުތައް އަޅާފައިވާކަން ފަހަގަކޮށް ޑރ. ޝަހީދު ވިދާޅުވީ ވަރަށް އަވަހަށް މިއަށްވުރެ ހަރުކަށި މޫވްމަންޓް ރެސްޓްރިކްޝަންތަކެއް ގެންނަންޖެހޭ ކަމަށް ޤަބޫލުކުރާ ކަމަށެވެ. އަދި މޫވްމަންޓް ރެސްޓްރިކްޝަންތަކާ އެކު ވެސް އަދަދުތައް މައްޗަށް ދިއުން ކޮންޓްރޯލް ނުވާނަމަ ލޮކްޑައުނަކަށް ދިއުންވެސް އެކަށީގެންވާކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.

ފަހަކަށް އައިސް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އަދި މިދިޔަ ހަފްތާގައި މިއަދަދު ހުރީ ވަރަށް މަތީގައެވެ.

އިއްޔަ ވެސް ރާއްޖެއިން ވަނީ ކޮވިޑް-19 އަށް 590 މީހުން ޕޮޒިޓިވް ވެފައެވެ. މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި 8640 މީހުން ތިބިއިރު ހޮސްޕިޓަލުގައި 230 މީހުނަށް އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ. މިހާތަނަށް ރާއްޖެއިން މިބަލީގައި 83 މީހުން މަރުވެފައިވެއެވެ.