Last Updated: May 2, 21:16
Thursday, May 2, 2024
ޚަބަރު

ހައްޔަރު ކުރި އަދުހަމަކީ މިފަދަ ކަންކަމުގެ ތުހުމަތު ކުރެވޭ މީހެއް

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާ ދީފައިވަނީ ވ. ތިނަދޫ، ހިޔާ، އަހްމަދު އަދުހަމް ކަން އިނގިއްޖެއެވެ.

އޭނާ ހައްޔަރު ކޮށްފައިވަނީ މިއަދު ހެނދުނު ހުޅުމާލޭގައި އޭނާ ދިރިއުޅޭ ފްލެޓުންނެވެ. އުމުރުން 25 އަހަރުގެ އަދުހަމް އަކީ ރައީސް ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާ ދިންމީހާއެވެ. އިއްޔަ ބޭއްވި ޕްރެސް ކޮންފަރެންސްގައި ފުލުހުން ބުނެފައިވަނީ އޭނާ އަކީ މިކަމުގެ މެއިން ސަސްޕެކްޓް ކަމަށެވެ.

މައުލޫމާތު ލިބފަިއވާ ގޮތުގައި އަދުހަމަކީ މީގެ ކުރިންވެސް މިފަދަ ކަންކަމުގެ ތުހުމަތު ކުރެވިފައިވާ މީހެކެވެ.

އެގޮތުން ތަންކޮޅެއް ކުރިންވެސް އެއްޗެއް ގޮށްވާލަން އުޅުނުކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދިޔައެވެ. އެހެންނަމަވެސް ހެކި ނެތިގެން އެފަހަރު ދޫކޮށްލީއެވެ.

އަދުހަމްގެ އިތުރުން މި މައްސަލައިގައި އިތުރު ދެ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އެމީހުންނަކީ މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އެވެ.

މި މައްސަލައާއި ގުޅިގެން އެންމެ ފުރަތަމަ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ މި ހަމަލާއާ ގުޅިގެން ހަތަރު މީހަކު ފާހަގަވެފައިވާކަމަށެވެ. އޭގެތެެރެއިން ތިން މީހުން ހައްޔަރުކޮށްފައިވާއިރު ބާކީ ހުރި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.