Last Updated: April 20, 19:35
Saturday, April 20, 2024
ޚަބަރު ޝަރުއީ ދާއިރާ

ކާޑެއްދޫ އެއާޕޯޓް ވިލާ އަތުން އަތުލީ ގޯސްކޮށް: ސްޕްރީމް ކޯޓު

ގދ. ކާޑެއްދޫ އެއާޕޯޓް ވިލާ ކުންފުނިއަތުން އަތުލީ ޤާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

ކާޑެއްދޫ އެއާޕޯޓް ވިލާ ކުންފުނިއަތުން އަތުލި މައްސަލައިގައި ވިލާއިން ސިވިލް ކޯޓުގައި ދައުވާ ކުރުމުން އެ ކޯޓުން މައްސަލަ ނިންމާފައިވަނީ ވީލާއާ އެއްކޮޅަށެވެ. އަދި ހައިކޯޓުންވެސް މައްސަލަ ނިންމާފައިވަނީ ވިލާއާ އެއްކޮޅަށެވެ.

ދައުލަތުން އިސްތިއުނާފު ކުރުމުން މި މައްސަލަ ސުޕްރީމް ކޯޓުގައި ބަލާފައިވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މާހާޒް އަލީ ޒާހިރެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ އެއްބަސްވުން އުވާލާފައިވަނީ ބާތިލު އިޖުރާ އިޖުރާއަތްތަކެއްގެ މަތިންކަމަށް ވުމުން އެކަމުގެ ބަދަލު ހޯދުމަށް ވިލާއަށް ވަކި މައްސަލައެއް ސިވިލް ކޯޓަށް ހުށަހެޅިދާނެކަމަށެވެ.

ފަނޑިޔާރު ސުއޫދު އިއްވެވި ހުކުމުގައި ވަނީ ބަދަލު ނަގަން ދައުވާ ކޮށް ބަދަލު ނަގައިދޭ ހާލަތުގައި ނެގޭނެ ބަދަލާއި ނުނެގޭނެ ބަދަލު އަދި ކުޑަ ކުރެވޭނެ ބަދަލުތަކުގެ ތަފްސީލުވެސް ބަޔާންކޮށްފައެވެ.

ގދ.ކާޑެއްދޫ އެއަރޕޯޓް ތަރައްޤީކޮށް ހިންގުމަށް ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑް އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ދެމެދުގައި 06 ނޮވެމްބަރ 2013 ގައި ވެފައިވާ އެއްބަސްވުމާ، ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑުން ޚިލާފު ވެފައިވާކަމަށް ބުނެ 18 ނޮވެމްބަރ 2017 ގައި ޓޫރިޒަމް މިނިސްޓްރީން ފޮނުވި ސިޓީން އެއްބަސްވުން ބާތިލްކޮށްފައިވަނީ އެއްބަސްވުމުގެ 15 ވަނަ މާއްދާއާއި 40 ވަނަ މާއްދާގެ (i) ހަވާލާދީ 41 ވަނަ މާއްދާ އާއި، ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 20 ވަނަ މާއްދާ އާއި ހިލާފަށްކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ 22 ނޮވެމްބަރު 2018 ގައެވެ.

ސިވިލް ކޯޓުގެ އެ ހުކުމަށް ހައިކޯޓުން ތާއީދުކުރި ކުރުމަށް ސުޕްރީމް ކޯޓުން މިއަދު ތާއީދުކޮށްފައިވާއިރު ބަދަލު ހޯދުމަށް ވިލާ އެއާއަށް ވަކި މައްސަލައެއް ސިވިލް ކޯޓަށް ހުށަހެޅިދާނެ ކަމަށްވެސް ސުޕްރީމް ކޯޓުގެ ހުކުމުގައިވެއެވެ.