Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު ޝަރުއީ ދާއިރާ

ހަޑިހުތުރު ބަސް ބޭނުންކުރުމުން އަދުރޭގެ މައްޗަށް އުފުލި ދައުވާ ބޭރުކޮށްލައިފި

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) - ފޮޓޯ: މޯލްޑިވްސް ޓައިމްސް

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް އުފުލި ދައުވާ ކްރިމިނަލް ކޯޓުުން ބޭރުކޮށްލައިފިއެވެ.

އަދުރޭގެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ތާވަލު ކުރި 10:30 ހަށެވެ.

މީގެ ކުރިން އޮތް އަޑުއެހުމުގައި އަބްދުއްރަހީމްގެ ފަރާތުންވަނީ ދައުލަތުން އޭނާއާ ދެކޮޅަށް ހުށަހެޅި ހެކީގެ ތެރެއިން ވީޑިއޯ އަދި އޯޑިއޯ ސާމްޕަލް ހޯދާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި ހިލާފަށް ކަމަށްބުނެ ހުށަހެޅުމެއް ހުށަހަޅާފައެވެ.

މިއަދު އޮތް އިބްތިދާއީ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ނިންމެވީ، މައްސަލާގައި ހިމެނޭ އޯޑިއޯ އަދި ވީޑިއޯ ރިޕޯޓް ހެދުމަށް، ފުލުހުން ސާމްޕަލް ނަގާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި ހިލާފަށް ކަމަށެވެ. އެހެންކަމުން ދެން އެ މައްސަލާގައި ހިމެނޭ އެހެން ހެކިތަކަކީ ދައުވާ ސާބިތުކުރުމަށް އެކަށީގެންވާ ހެކިތަކެއް ކަމަށް ނުފެންނާތީ، މި މައްސަލައަކީ މައުޟޫއީ ގޮތުން ކުރިއަށް ގެންދެވެން ނެތް މައްސަލައެއް ކަމަށް ނިންމާފައިވެއެވެ.

އަދުރޭގެ މައްޗަށް ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާ އުފުލާފައިވަނީ ކްރިމިނަލް ކޯޓުގައި ކުރީގެ ރައީސް އަބްދުالله ޔާމީންގެ ޝަރީއަތް ކުރިއަށްދިޔަ ދުވަހު އެ މައްސަލަ ބައްލަވާ ފަސް ފަނޑިޔާރުންނަށް ނިސްބަތްކޮށް އަޑުގަދަކުރާ ބޭނުންކޮށްގެން ހަޑިހުތުރު ބަހުން ވާހަކަ ދައްކާފައިވާތީއެވެ.