Last Updated: April 16, 20:04
Tuesday, April 16, 2024
ރިޕޯޓް

ކޮރަޕްޝަން ލިސްޓް ފެނުމުން ހަސަންގެ ރާގު ބަދަލުވެއްޖެ!

އެމްއެމްޕީއާރްސީގެ ހިޔާނާތަކީ މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލެވެ. ރާއްޖޭގެ ރަށްތަކާއި ފަޅުތައް ނުއަގުގައި ވިއްކައި އެ ފައިސާ އެތައްބަޔެއްގެ އެކައުންޓްތަކަށް ވައްދާފައިވާއިރު، އެ މައްސަލަ ތަހުގީގުކޮށް އެފައިސާ ނެގި މީހުންނަށް އަދަބުދީ އެފައިސާ އަނބުރާ ހޯދުމަކީ އެމްޑީޕީން ވެފައިވާ ވައުދެކެވެ. މިސަރުކާރު ވެރިކަމަށް އައުމަށްވީ އެންމެ ބޮޑު ވައުދަކީ އެއީއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަވެސް އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ބެލުމަށް ކޮމިޝަނެއް ހެއްދެވިއެވެ. އެ ހިޔާނާތަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ އެމްޑީ އަބްދުﷲ ޒިޔަތް އިއުތިރާފްވެފައިވާއިރު އެކަމުގައި އިތުރު ފަރާތްތަކުގެ މައްޗަށް ވެސް ޝަރީއަތް ހިނގަމުން އެބައާދެއެވެ. އޭގެތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ފާހަގަކުރެވެއެވެ.

މި ސަރުކާރުން ބޮޑު ހިޔާނާތުގެ މައްސަލަ ބަލާލެއް ލަސްކަމަށްބުނެ، އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ އެކި ފަހަރު މަތިން މަޖިލީހުގައި އެ ވާހަކަ ދައްކަވާފައެވެ. 

އެގޮތުން އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ޝާމިލުވާ މީހުންގެ ނަންތައް ހާމަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހަސަން ލަތީފް ވަނީ 2019 ވަނަ އޮކްޓޫބަރު 23 ގައި ކުއްލި މައްސަލައެއް ވެސް ހުށަހަޅާފައެވެ. އެ ކުއްލި މައްސަލައިގައި އެމްއެމްޕީއާރްސީގެ ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަންގެ މައްސަލައިގައި ޝާމިލްވާ ފަރާތްތަކުގެ ތެރޭގައި ދައުލަތުގެ ވަޒީރުންނާއި ކޯޓުތަކުގެ ފަނޑިޔާރުންނާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިމެނޭ ކަމަށް ކުރީގެ ޕީޖީ ބިޝާމް ވިދާޅުވި ކަމަށްވެސް ހަސަން ވިދާޅުވެފައިވެއެވެ.

"އެމްއެމްޕީއާރުސީގެ މައްސަލައިގައި ހިމެނޭ އެންމެހާ ފަރާތްތަކުގެ ނަންތަކާއި ގޮތް ނޭނގޭ ގޮތަށް މަރާލާ އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގައި އެކި ގޮތްގޮތުން ޝާމިލުވާ ފަރާތްތަކުގެ ނަންތައް ހާމަކޮށް، އެފަރާތްތަކުގެ މައްޗަށް ވަގުތުން ފިޔަވަޅު އެޅުމަށް ސަރުކާރަށް އިލްތިމާސް ކުރަމެވެ." 2019 ވަނަ އަހަރު ހަސަން ހުށަހެޅި ކުއްލި މައްސަލައިގައިެވެއެވެ.

ހިޔާނާތުގައި ހިމެނޭ މީހުންގެ ނަންތައް ހާމަކުރުމަށް ހަސަން އައީ ތަކުރާރުކޮށް މީގެ ކުރިން ގޮވާލައްވަމުންނެވެ. އެގޮތުން އަދީބު ޝަރީއަތުގައި ދެއްކި ވާހަކައިން ހިޔާނާތުގެ ފައިސާ ނުލިބޭ ސިޔާސީ އެއްވެސް ޕާޓީއެއް ނެތް ކަމަށް ވިދާޅުވުމާ ގުޅިގެން ވެސް ހަސަން ލަތީފް ވަނީ ޓްވީޓް ކުރައްވާ އެމްއެމްޕީއާރްސީ ފައިސާގެ ބައިކުޅަ ބައި ލިބުނު މިނިސްޓަރުންނާއި މަޖިލިސް މެންބަރުންނާއި އެނޫންވެސް މީހުންގެ ނަންތައް އާއްމުކޮށް، ޝަރީއަތްކޮށް އިންސާފު ގާއިމްވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެކަން ނުކުރާހާ ހިނދަކު ވައްކަން ފޮރުވަން އުޅޭ ކަމުގެ އިލްޒާމް އެޅޭނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ބޮޑު ހިޔާނާތް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ބަލަމުން އަނައިރު، މިފަހުންވެސް ހަސަން ލަތީފް ވަނީ އެ މައްސަލަ ބެލުމަށް އެ ކޮމިޓީގެ މުގައްރިރު ނޫޅުއްވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

ތަކުރާރުކޮށް އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ހިމެނޭ މީހުންގެ ލިސްޓް އާންމު ކުރުމަށް ހަސަން ލަތިފް ގޮވާލެއްވިއިރު، ކުއްލި ގޮތަކަށް އެ ލިސްޓް އާންމު ކުރުމަށް ގޮވުމަކީ ޒިންމާދާރު ކަމެއް ނޫންކަމަށް ހަސަން ލަތީފް ވިދާޅުވުން ގިނަ ސުވާލުތަކެއް އުފެދެއެވެ.

ހަސަން ލަތީފް މިފަދައިން ވިދާޅުވެފައިވަނީ ހަސަން ލަތީފް އިންނަވާ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއަށް ހިޔާނާތުގައި ހިމެނޭ މީހުންގެ ލިސްޓް އެސެޓް ރިކަވަރީ ކޮމިޝަނުން ހުށަހެޅުމަށްފަހުއެވެ. އެ ލިސްޓް ފިނިވަޑައިގަތުމަށްފަހު ކުއްލި ގޮތަކަށް ބަސްމަގު ބަދަލުވެ، މަގުބޫލުކަން ހޯދަން ލިސްޓް އާންމު ކުރުމަށް ގޮވާނުލުމަށް ހަސަން ލަތީފް ވިދާޅުވުމުން، ކޮރަޕްޝަންގެ ލިސްޓް ފެނިމާއެކު ހަސަންގެ ރާގު ބަދަލުވާން މެދުވެރިވި ސަބަބާމެދު ސުވާލު އުފެދެއެވެ.

އާންމު ރައްޔިތުން ތިބީ ހިޔާނާތުގެ މަންފާވި މީހުންނަށް ޝަރީއަތް ހިންގި އަަދަބު ދެވި އެމްޑީޕީގެ ވައުދު ފުއްދާ މަންޒަރު ބަލާށެވެ. އެހެންނަމަވެސް ކުއްލި ގޮތަކަށް ޕާޓީގެ ޗެއާޕާސަންގެ ބަސްމަގު ބަދަލުވުމުން ވެސް އުފެދޭ ސުވާލުތައް ވަކި މަދެއްނޫނެވެ.