Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އެމްއެމްޕީއާރުސީގެ އަސްލު ލިސްޓު ހާމަކޮށްފިނަމަ އެމްޑީޕީ ފަޅައިގެންދާނެ: ޑރ. ޖަމީލް

ޑރ. ޖަމީލް، ފޮޓޯ: މިހާރު

މިނިވަންކަމާއެކު އެމްއެމްޕީއާރްސީގެ މައްސަލައިގެ ލިސްޓު ހާމަކޮށްފިނަމަ އެމްޑީޕީ ވުޖޫދުގައި ނޯންނާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ރޭ ޗެނަލް13 އިން ގެނެސްދިން "ނުހައްޤުން ޖަލުގައި" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޖަމީލު ވިދާޅުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގޭގައި ބައިތިއްބާފައި ތިބީ އެމްޑީޕީން ކޮށްފައި ހުރި ކަންކަން ހާމަވެ، މެމްބަރުންގެ ގޮނޑިތައް ގެއްލި، އަސްލު މުޖުރިމުން ބަރަހަނާ ވެދާނެތީ ކަމަށެވެ.

އަދި އަދީބާއި ޒިޔަތު ގޭގައި ތިއްބެވީ އެކަންކަން ފޮރުވުމުގެ ބޭނުމުގައި ކަމަށާއި އެހެން ނޫންނަމަ އެ ދެ މީހުން ގޭގައި ތިބެންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ޖަމީލު ވިދާޅުވިއެވެ. އެގޮތުން އަދީބާއި ޒިޔަތުގެ އަތުގައި ގިނަ މައުލޫމާތުތަކެއް އެބަހުރި ކަމަށާއި މިނިވަންކަމާއެކު އެ މައްސަލަ ތަހުގީގުކޮށްފިނަމަ އެމްޑީޕީ ވުޖޫދުގައި ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެމްއެމްޕީއާރްސީގެ މައްސަލަ މިނިވަން ގޮތެއްގައި ލިސްޓު ހާމަކޮށް، މިނިވަން ޕްރޮސެކިއުޝަނަކަށް ޖާގަދީފިނަމަ އެމްޑީޕީ ވުޖޫދުގައި ނޯންނާނެ. އެމްޑީޕީ ފަޅައިގެންދާނެ، މެމްބަރުންތަކެއް ހައްޔަރުވާނެ، ގޮނޑިތަކެއް ގެއްލޭނެ" ޖަމީލު ވިދާޅުވިއެވެ.

ޖަމީލު މިހެން ވިދާޅުވިއިރު ތަހުގީގީ އިދާރާތަކުން މިދިޔަ ހަފްތާގައި ވަނީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ މީހުންގެ ލިސްޓު މަޖިލީހަށް ފޮނުވާފައެވެ. އެގޮތުން އެ ލިސްޓު މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ އަދި ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން އަންނަނީ ދިރާސާ ކުރަމުންނެވެ.

އެ ލިސްޓުގައި އެ ހިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން ސަލާމަތީ ހިދުމަތްތަކުގަޔާއި، ޝަރުއީ ދާއިރާ އާއި، މިނިވަން މުއައްސަސާތަކުގައި ކުރީގެ މަސައްކަތް ކުރައްވާ އަދި މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްތަކާއި، މަޖިލީހުގެ ކުރީގެ އަދި މިހާރުގެ މެމްބަރުކަމުގެ މަގާމުގައި ތިއްބެވި ފަރާތްތައް ހިމެނޭ ކަމަށް މަޖިލީހުން ބުނެއެވެ.

މީގެއިތުރުން ދައުލަތުގެ ސްޓޭޓް މިނިސްޓަރުކަމާއި، މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅުންނާއި އަދި މިހާރުވެސް އެ މަގާމުތައް ފުރުއްވަމުން ގެންދަވާ ބޭފުޅުންގެ ނަންތައް ވެސް ހިމެނޭ ކަމަށް މަޖިލީހުން ބުނެއެވެ.

ހިޔާނާތުގެ ލިސްޓު މަޖިލީހަށް ލިބުމާއެކު މަޖިލީހުގެ ބައެއް މެމްބަރުންނާއި އާންމުން އަންނަނީ އެ ލިސްޓު ހާމަކުރަން ގޮވާލަމުންނެވެ. އެ ލިސްޓު ކޮމިޓީން ދިރާސާ ކުރަމުން އަންނަނީ ސިއްރުކޮށްގެންނެވެ.