Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު އެމްއެމްޕީއާރުސީ ހިޔާނާތް

އާދަމް ޝަރީފާއި ފަޒުލް ނޫން އިދިކޮޅު ހުރިހާ މެމްބަރުން ހިޔާނާތުގެ ލިސްޓުގައި

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ދިރާސާކުރި ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން އާންމު ކުރި ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި މިހާރު މަޖިލީހުގައި ތިބި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ދެ މަޖިލިސް މެމްބަރުން ފިޔަވާ އެހެން ހުރިހާ މެމްބަރުންގެ ނަން ހިމެނިއްޖެއެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ ތައްގަނޑު ޖަހާފައި އޮތް ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓްގައި އިދިކޮޅު މަޖިލިސް މެމްބަރުންގެ ތެރެއިން ނަން ނެތީ މަޑުއްވަރީ ދާއިރާގެ މިހާރުގެ މެމްބަރު އާދަމް ޝަރީފާއި ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދުގއެވެ.

ލިސްޓުގައި ހިމެނޭ އިދިކޮޅުގެ މަޖިލިސް މެމްބަރުންނަކީ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް، ތ. ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުއެވެ.

މި ލިސްޓުގައި އިދިކޮޅުގެ ޓިކެޓުގައި މާލެސިޓީ ކައުންސިލަށް އިންތިހާބުވި ކުރީގެ މަޖިލިސް މެމްބަރު އިބްރާހިމް ޝުޖާއުގެ ނަންވެސް ހިމެނެއެވެ.

ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ނަންތައް ހިމެނޭ ލިސްޓާއި އެކު ޖޮއިންޓް ކޮމިޓީން އެ ކޮމިޓީގެ ރިޕޯޓް ފާސްކުރިއިރު، މަޖިލީހުގެ ވެބްސައިޓުގައި ވަނީ އެ ރިޕޯޓް އާންމުކޮށްފައެވެ.

އެ ރިޕޯޓްގެ ޖަދުވަރު 1 ގައި އެސެޓް ރިކަވަރީ ކޮމިޝަނުން މިހާރު ތަހުގީގުކުރާ 281 މީހުންގެ ނަން ހިމެނޭ ލިސްޓު އެސެޓް ރިކަވަރީ ކޮމިޝަންގެ ތައްގަނޑާއެކުއެވެ. އަދި އެ ރިޕޯޓްގެ ޖަދުވަލު 2 ގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ދައުލަތުގެ އެކި މަގާމުތަކުގައި ތިބި 119 މީހެއްގެ ނަން ހިމެނޭ ލިސްޓް އެސެޓް ރިކަވަރީ ކޮމިޝަންގެ ތައްގަނޑާއެކުއެވެ.