Last Updated: April 25, 18:10
Thursday, April 25, 2024
ރިޕޯޓް އެމްޑީޕީ

އެމްޑީޕީން ފޭހުނު އިލޮށި އެމްޑީޕީގެ ލޮލަށް!

"އަޅުގަނޑުގެ ހިތަށް ވަތް އެއްޗަކި އެހާ ރަނގަޅު ފަންޏެއް [އަހުމަދު އަދީބު] އެ ވަޒީރުންގެ މަޖިލީހުގައި އެޅުވެން އޮތްއިރު އަދި ވެރިކަން, އެ ވެރިކަމުގެ ތެރޭގައި އަޅުގަނޑުމެން ފަންޏެއް އަޅުވައިގެން ކަން, ގުޑުމެއް ގެނެސްގެންކަން. އެއި އަބަދުވެސް އަޅުގަނޑު ދުއްހުރި ހަގީގަތެއް….. މިއަދު އަޅުގަނޑު މިތަނުގައި މިހުރީ ރައީސް ޔާމީންގެ ވެރިކަން ބަދަލުކޮށްފަ، އެ ވެރިކަން އަޅުގަނޑުމެންނަށް ބަދަލު ކުރެވުނީ އެ ވެރިކަމުގައި އަޅުގަނޑުމެން ރެނދެއް އެޅުވީމަ، ދެން ފަހުން އެހެން ރެނދެއް ވެސް ފެނުނު، އެކަމަކު އަޅުގަނޑުމެން ރައީސް ޔާމީންގެ ވެރިކަމުގައި އެޅުވި ރެނދަކީ ދުރު ވިސްނާ ކުރި ކަމެއް" މިއީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ޓިކެޓުގައި މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާއަށް ވާދަކޮށް އިންތިހާބު ކާމިޔާބު ކުރެއްވި އަހުމަދު އީސާގެ ކެމްޕޭނަށް ނ. ކުޑަފަރީއަށް ވަޑައިގެން އެރަށުގައި 2019 ވަނަ އަހަރު ދެއްކެވި ވާހަކަފުޅެކެވެ.

ރައީސް ނަޝީދު މިވާހަކަފުޅު ދައްކަވާފައިވަނީ ރާއްޖޭގައި މިފަހުގެ ތާރީހެއްގައި ހިންގި އެންމެބޮޑު ހިޔާނާތް ކަމުގައިވާ އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅުވައެވެ. ރާއްޖޭގެ ރަށްތަކާއި ފަޅުތަކާއި ފަރުތައް ނުއަގުގައި އެކި ފަރާތްތަކަށްވިއްކާ އެ ފައިސާއަށް ހިޔާނާތްތެރިވި ބޮޑު މައްސަލައެވެ. ސަރުކާރުގެ އެކައުންޓަކަށް, ރައްޔިތުންގެ މާލިއްޔާއަށް ވަންނަންވީ ފައިސާ އެތައްބަޔަކަށް ބަހާލި ގޮތުގެ ހިޔާނާތްތެރި ވާހަކައެވެ.

އެމްއެމްޕިއާރްސީގެ ހިޔާނާތުގެ މައްސަލަ ބެލުން އަދި މި ފައިސާގައި ޖެހިފައި ތިބި މީހުން ހޯދާ އިންސާފުގެ ކުރިމައްޗަށް ގެނައުން ވެފައިއޮތީ އެމްޑީޕީގެ އެންމެ ބޮޑު ސިޔާސަތަށް ވެފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިގޮތަށް އެންފުރަތަމަ އުފެއްދެވި ދެ ރިޔާސީ ކޮމިޝަންގެ ތެރެއިން އެއް ކޮމިޝަން އުފައްދާފައިވަނީ މި މައްސަލަ ބެލުމަށެވެ.

ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ނިކުތީ މަޖްލިސް 19 "ތަފާތު" ވާނެކަމަށާއި، ވަގުން ހޯދާނެ މަޖްލިސްއަކަށް އެ މަޖްލިސް ހަދާނެކަމުގެ ވައުދާއި އެކުއެވެ. އެ އިންތިހާބުގެ ކެމްޕެއިން ތަކުގައި އެމްއެމްޕީއާރުސީގެ ހިޔާނާތްތެރިން ހޯދާނެކަމަށް ރައީސް ނަޝީދު އައީ ވިދާޅުވަމުންނެވެ.

މަޖްލިސް އިންތިހާބުގައި އެމްޑީޕީއަށް ރައްޔިތުން ސުޕަ މެޖޯރިޓީ ދިނެވެ. މަޖްލީހުގެ އެމްޑީޕީ ސުޕަ މެޖޯރިޓީ މަޖިލީހަށް ދެއަހަރުވާން ކައިރިވެފައިވާ އިރު އަދި މި ސަރުކާރަށް ދެ އަހަރާ ބައި ވެފައި ވަނިކޮށް މަޖިލީހުން މިވަނީ މި ހިޔާނާތުގެ ފައިސާގައި ޖެހިފައިވާ މީހުންގެ ލިސްޓް, ރިޔާސީ ކޮމިޝަނުން އެކުލަވާލި ގޮތަށް އާންމު ކޮށްފައެވެ.

ލިސްޓް ނިކުތް އިރު މިކަމުން އެމްޑީޕީއަށް ވެސް ސަލާމަތެއް ނުވެވުނެވެ. ރައީސް ނަޝީދު ކުރީ ސަރުކާރުގައި އެޅުވި "ފަނީ"ގެ އަސަރު ވަނީ އެމްޑީޕީއަށްވެސް ކޮށްފައެވެ. އެމްޑީޕީގެ ލީޑަރޝިޕްގެ ބައެއް ފަރާތްތަކާއި ރައީސް ނަޝީދާއި ވަރަށް ގާތްކޮށް އުޅުއްވާފައި ތިބި ފަރާތްތަކަށްވެސް ރައީސް ނަޝީދު އެޅުވި "ފަނި"އިން ސަލާމަތެއް ނުވެވުނެވެ.

ހާއްސަކޮށް ނ. ކުޑަފަރީގައި އަހުމަދު އީސާއަށް ތާއިދުކޮށް ވާހަކަ ދެއްކެވި އިރު ލިސްޓުގައި އަހުމަދު އީސާވެސް ހިމެނެއެވެ. އަހުމަދު އީސާ އަކީވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުން ޖާގަ ލިބިފައިވާ މަޖްލިސް މެމްބަރެކެވެ. ރައީސް ނަޝީދުގެ އަރިސް ބޭފުޅެކެވެ.

ހިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މިދިޔަ މަޖިލީހުގައި ތިބި އެމްޑީޕީގެ މެމްބަރުން, އަދި މިމަޖިލީހުގައި ތިބި މެމްބަރުން އަދި ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި އެމްޑީޕީގެ މެމްބަރުން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރާއި, ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާގެ އިތުރުން, ގަލޮޅު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް, މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ހިމެނެއެވެ.

ހާއްސަކޮށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފަށް 66 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދަކުން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ. އެކަމަކު ޝަރީފަކީ ސީދާ ރައީސް ނަޝީދު އިސްވެ ހުންނަވައި މަރަދޫން އިންތިހާބު ކުރެއްވި ބޭފުޅެކެވެ. އޭރުވެސް ޝަރީފަށް އަމާޒުކޮށް އެމްއެމްޕީއާރުސީގެ ތުހުމަތު ރައްޔިތުން ކުރިއެވެ. ނަމަވެސް ނަޝީދު ޝަރީފު ދިފާއު ކުރެއްވިއެވެ.

އަދީބަކީ ވައްކަން ކުރުމަށް ކުރީ ސަރުކާރުގައި އެޅުވި ފަންޏެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު އެމަނިކުފާން ބުރަކޮށް ކެމްޕެއިން ކުރައްވައި މަޖްލިސްގެ ސުޕަމެޖޯރިޓީ ހޯދި ޓީމުގެ ގިނަ މެމްބަރުންނަކީ އެއްކަލަ "ފަނީ"ގެ އަސަރުކޮށް ހަލާކުވެފައިވާ މީހުންނެވެ. ހާއްސަކޮށް މިހާރުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އާއި އެމްޑީޕީއަށް ބޮޑެތި ގުރުބާނީވި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ފާހަގަކޮށްލެވެއެވެ. އަދި އެމްޑީޕީގެ ސުޕަމެޖޯރިޓީގެ ލީޑަރު އަލީ އާޒިމަށްވެސް ވަނީ ރައީސް ނަޝީދު އެޅުވި "ފަނީ"ގެ އަސަރު ވަރަށްވެސް ބޮޑަށް ކޮށްފައެވެ.

ކުރީ ސަރުކާރުގައި "ރެނދު" އެޅުވުމަށްކަމަށް ބުނެ ރައީސް ނަޝިދު އެޅުވި "ފަނީ"ގެ ސަބަބުން އެމްޑީޕީގައި ވެސް މިވަނީ މި ފަނީގެ "ރެނދު" އަޅާފައެވެ. އެ "ފަނީ"ގެ އަސަރު އެމްޑީޕީގެ އެންމެ މަތީ ފަޑިއާ ހަމައަށް ކޮށްފައި އޮތްއިރު, މި ފެންނަނީ އެމްޑީޕީން ހާއްސަކޮށް ރައީސް ނަޝީދު ފޭހުނު އިލޮށި އެމްޑީޕީގެ ލޮލަށް ހެރިފައިވާ މަންޒަރެވެ.