Last Updated: April 20, 10:54
Saturday, April 20, 2024
ޚަބަރު އެމްއެމްޕީއާރުސީ ހިޔާނާތް

ލިސްޓް ފޮނުވުމުގައި އެސެޓް ރިކަވަރީ ކޮމިޝަނުން އަމަލު ކުރީ ޒިންމާދާރުކަން ކުޑަކޮށް: ރިޔާޒް

މެންބަރު އަބްދުالله ރިޔާޒް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެސެޓް ރިކަވަރީ ކޮމިޝަނުން ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓް މަޖިލީހަށް ފޮނުވުމުގައި އަމަލުކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށް ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

އަބްދުﷲ ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ތުހުމަތު ކުރާކަން ނުވަތަ ޕާސަންސް އޮފް އިންޓަރެސްޓްކަން އެންގުމެއްނެތި އަދި ލިސްޓުގަ ތިބި ބައެއް ފަރާތްތަކާ އެއްވެސް ސުވާލެއްކުރުމެއްނެތި އެފަރާތްތަކުގެ ނަން ހިމަނައިގެން ލިސްޓެއް މަޖިލިހަށް ފޮނުވުމަކީ އެސެޓް ރިކަވަރީ ކޮމިޝަނުން ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުރި ކަމެއް ކަމަށެވެ.

މި ފަހުން ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ނަންތައް ހިމެނޭ ލިސްޓާއި އެކު ޖޮއިންޓް ކޮމިޓީން އެ ކޮމިޓީގެ ރިޕޯޓް ފާސްކުރިއިރު، މަޖިލީހުގެ ވެބްސައިޓުގައި ވަނީ އެ ރިޕޯޓް އާންމުކޮށްފައެވެ.

އެ ރިޕޯޓްގެ ޖަދުވަރު 1 ގައި އެސެޓް ރިކަވަރީ ކޮމިޝަނުން މިހާރު ތަހުގީގުކުރާ 281 މީހުންގެ ނަން ހިމެނޭ ލިސްޓު އެސެޓް ރިކަވަރީ ކޮމިޝަންގެ ތައްގަނޑާއެކުއެވެ. އަދި އެ ރިޕޯޓްގެ ޖަދުވަލު 2 ގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ދައުލަތުގެ އެކި މަގާމުތަކުގައި ތިބި 119 މީހެއްގެ ނަން ހިމެނޭ ލިސްޓް އެސެޓް ރިކަވަރީ ކޮމިޝަންގެ ތައްގަނޑާއެކުއެވެ.