Last Updated: April 27, 22:41
Saturday, April 27, 2024
ޚަބަރު

އިންޖިނިއަރުންނާ މެދު ފްލައިން ސްކޫލްގެ ބޮޑެތި އިހުމާލުތަކެއް!

އައްޑޫ ފްލައިން ސްކޫލްގެ އިންޖިނިއަރުންގެ މައްސަލަ ހައްލުނުވެ، ސްކޫލްގެ ހާލަތު ބޮއްސުންލައިފިއެވެ.

ފްލައިން ސްކޫލްގައި މަސައްކަތް ކުރަމުންދާ އިންޖިނިއަރުން ޓީމުގައި ހިމެނޭ އެންމެން މިހާރު ވަނީ އެ ސްކޫލުން އިސްތިއުފާ ދީފައެވެ. އެ ފަރާތްތަކުން އިސްތިއުފާ ދީފައިވަނީ މުސާރަ އާއި އަދިވެސް އެހެން މައްސަލަތަކާ ގުޅިގެންނެވެ. އިންޖިނިއަރުންގެ ޓީމުގައި 14 ފަރާތެއް ހިމެނެއެވެ.

"އައްޑޫލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ އަހަރުގެ މޭ މަހުން ފެށިގެން އިންޖިނިއަރުންގެ އިސް ދެ މީހަކާއި، ދެ ޓެކްނީޝަނުން ޝެޑިއުލް ބަހާލައިގެން މަސައްކަތަށް ނިކުންނަން އެންގިއިރު ސްކޫލްގައި ގިނަ މަސައްކަތްތަކެއް ހުރި ނަމަވެސް ދެން ތިބި ފަރާތްތައް މަސައްކަތަށް ނުނިކުމެ މަޑުކުރަން ސްކޫލުން ވަނީ އަންގާފައެވެ.

ނަމަވެސް ބޯޓުތައް ގްރައުންޑްވުމާއި އެހެނިހެން މައްސަލަތައް ކުރިމަތިވިޔަ ނުދިނުމަށްޓަކާ ދެން ތިބި އިންޖިނިއަރުން ވެސް ޑިއުޓީ އަށް ނިކުންނަން އެދުނު ނަމަވެސް ސްކޫލްގެ މެނޭޖްމެންޓުން އެކަމަށް މާބޮޑު އަޅާލުމެއް ނުދިން ކަމަށް މައުލޫމާތު ލިބެއެވެ.

އަދި މިދިޔަ އަހަރުގެ މޭ މަހު މަސައްކަތް ކުރި ޓެކްނީޝަނުންނަށް ލިބިފައިވަނީ މުސާރައިގެ 30 ޕަސެންޓް ކަމަށާއި ސްޓޯރ ކީޕަރަށް ދީފައިވަނީ މުސާރައިގެ 15 ޕަސެންޓް ކަމަށްވެސް އެނގިފައިވެއެވެ. އަދި ސެޕްޓެމްބަރާއި ހަމައަށް ބައެއް ޓެކްނީޝަނުންނަށް ދީފައިވަނީ 20-90 ޑޮލަރާއި ދެމެދުގެ އަދަދެއް ކަމަށްވެސް އެނގިފައިވެއެވެ.

މީގެއިތުރުން ސެޕްޓެމްބަރުން ފެށިގެން އިންޖިނިއަރުންގެ 90 ޕަސެންޓް ސްޓާފުން މަސައްކަތް ކުރަމުން އައީ 30 ޕަސެންޓަށް ވުރެ ކުޑަ މުސާރައެއްގައި ކަމަށްވާއިރު މިއަހަރުގެ ޖެނުއަރީން ފެށިގެން މުސާރައިގެ 70 ޕަސެންޓް ދިން ނަމަވެސް މުސާރައިގެ އެއްބައި ދީފައިވަނީ ދިވެހި ރުފިޔާ އިން ކަމަށްވާތީ އޭގެ ސަބަބުން ގިނަ ދަތިތަކާއި އެފަރާތްތަކުން ވަނީ ކުރިމަތިލާން ޖެހިފައެވެ.

އަދި މިދިޔަ މަހު އިސްތިއުފާ ދިނުމަށް ނިންމައި އެކަން ސްކޫލަށް އެންގުމުން މިއަދާއި ހަމައަށް އައިއިރު ވެސް ސްކޫލުން އެކަމާމެދު ގޮތެއް ނިންމާފައި ނުވުމަކީ ވެސް އިންޖިނިއަރުންގެ ކަންބޮޑުވުމެކެވެ. އެގޮތުން މި ކަންކަން ހައްލުކުރަން ސްކޫލްގެ ހެޑް އޮފް ޓްރެއިނިން ސުރަންޖަން ޑި ސިލްވާ ބައްދަލުވުމެއް ބޭއްވި ނަމަވެސް އޭގެފަހުން މި ކަންކަން ހައްލުކުރަން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އަދި ސްކޫލްގައި މިހާރު ހުރި ކޮންޓިނުޔަސް އެއާވޯދިނަސް މެނޭޖަރަކީ (ކާމޯ) މިކަމުގެ ތަޖުރިބާ ނެތް މީހަކަށްވުމާއި ސްކޫލްގެ ހެޑް އޮފް ޓްރެއިނިން ސުރަންޖަން ޑި ސިލްވާ އާއި މެދު ވެސް އިންޖިނިއަރުންގެ ބޮޑެތި ޝަކުވާތަކެއް ހުރިކަން އެނގިފައިވެއެވެ. އެ ޝަކުވާތަކުގެ ތެރޭގައި އިންޖިނިއަރުންނާއި ވާހަކަދެއްކުމުގެ ބަދަލުގައި ސުރަންޖަން އަމިއްލަ އަށް ބައެއް ކަންކަމުގައި ގޮތްތައް ނިންމާ މައްސަލަ އާއި ބަހުގެ ހަމަލާތައް ދީ ޒުވާބު ކުރުމުގެ އުސޫލު ގެންގުޅުން ހިމެނެއެވެ.

އަދި ސްކޫލްގެ ކާމޯ މެނޭޖަރު ބޯޓުތައް ސާވިސް ކުރުމާ ގުޅޭގޮތުން ވެސް އިންޖިނިއަރުންގެ ލަފަޔެއް ނުހޯދައި ސިވިލް އޭވިއޭޝަން އޮތޯރިޓީ އަށް ބޯޓުތައް ނިކުންނާނެ ކަމަށް ތާރީހުތަށް ދޭ މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.

އެނގިފައިވާ ގޮތުގައި މި ހުރިހާ މައްސަލަތަކަކާ އެކު ވެސް އިންޖިނިއަރުން މިހާ ދުވަހަށް ސްކޫލްގައި މަޑުކޮށްގެން ތިބީ ދަރިވަރުންގެ ފްލައިން އަށް ބުރޫތަކެއް އަރާފާނެތީއެވެ. ނަމަވެސް ފްލައިން ސްކޫލު ދޫކޮށް ދާން އެންމެފަހުން އެ ފަރާތްތަކުން ނިންމީ އެ ނޫން އިތުރު އެއްވެސް ގޮތެއް ނެތި އަދި ސުރަންޖަން ވެސް އެކަމަށް އެދުމުން ކަމަށްވެސް އެނގިފައިވެއެވެ.