Last Updated: March 29, 16:45
Friday, March 29, 2024
ޚަބަރު އެމްއެމްޕީއާރުސީ ހިޔާނާތް

ލިސްޓުން ބައެއް ނަން އުނިކުރަންޖެހޭކަމަށް ކޮމިޝަންގެ ރައީސް ވިދާޅުވި: ޝަހީމް

މެމްބަރު ހުސައިން ޝަހީމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ މީހުންގެ ލިސްޓް ކަމަށްބުނެ މަޖިލީހުން އާންމުކުރި ލިސްޓުގައި ހުރި ބައެއް ނަން އުނިކުރަން ޖެހޭ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް ވިދާޅުވި ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ވިދާޅުވެއްޖެއެވެ.

ޝަހީމް މިފަދައިން ވިދާޅުވެފައިވަނީ އެމްއެމްޕީއާރްސީގެ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ގުޅީގެން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ.

ޝަހީމް ވިދާޅުވީ ކޮމިޝަނުން ދިނުމުން މަޖިލީހުން އާންމުކޮށްފައިވާ ލިސްޓުގައިވާ ނަންތަކަށް ހުރިހާ ފަރާތްތަކުންވެސް އިހްތިރާމް ކުރަންޖެހޭ ކަމަށެވެ.

ޝަހީމް ވިދާޅުވީ މި މައްސަލަ ތަހުގީގު ކޮށްފައިވަނީ އޭނާވެސް ހިމެނޭ ކޮމިޓީއަކަށް ވުމުން އަމިއްލައަށްވެސް މި މައްސަލައާ ގުޅިގެން ކަންކަން ހޯދާފައިވާކަމަށެވެ. އެގޮތުން އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސްއަށް ގުޅާ، ލިބިފައި ހުރި ޝަކުވާތައް އެރުވި ކަމަށް ވިދާޅުވިއެވެ. އެގޮތުން ބައެއް ފަރާތްތަކަށް ފައިސާ ލިބިފައިވާ ގޮތުގެ ހެކި ހުށަހަޅާފައި ހުރި ފަހުންވެސް ނަން އަރާފައި ހުރުމުން އެކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރިކަން ބުނެފައިވާކަމަށެވެ.

"ވިދާޅުވީ ތި ފަރާތްތަކަކީ ހަގީގަތުގައި ނަން އުނިކުރަންޖެހޭ ފަރާތްތަކެއްކަމަށް. އެހެންނަމަވެސް ތިމަންނާ އެކަނި އިނދެ އުނި ކުނުރެވޭނެ ކަމަށާއި، ސަރުކާރުގެ އެތައް ވުޒާރާއެއްގެ ބޭފުޅުން މި ކޮމިޝަންގައި ހިމެނޭ ކަމަށާއި، ހުރިހާ ބޭފުޅުން އެއް ގަޑިއަކަށް އެއްތަނަކަށް ގެންނަން ތިމަންނައަށް އުނދަގޫވާ ކަމަށާއި، ކޯރަމްއެއް ހަމަވާ މީޓިންއެއް ނުބޭއްވުމުގެ ސަބަބުން އެކަށީގެންވާ ހެކި ލިބުނު ކަމުގައި ވީނަމަވެސް، އަޅުގަނޑަށް މިއޮޓީ މީޓީންއެއް ނުބޭއްވުމުގެ ސަބަބުން ނަން އުނި ނުކުރެވިއޭ." އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސްއާ ހަވާލާދީ ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އެ ނަންތަކުގެ މައްސަލަތައް ބެލޭ މިންވަރަކުން މަޖިލީހަށް އެކަން އަންގާނެ ކަމަށްވެސް އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް ވިދާޅުވި ކަމަށާއި، އަދި އޭރުން އެ ނަންތައް ލިސްޓުން އުނިވާނެ ކަމަށެވެ.