Last Updated: April 24, 11:19
Wednesday, April 24, 2024
ޚަބަރު އެމްއެމްޕީއާރުސީ ހިޔާނާތް

އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތުގެ ސްޕީޑާމެދު އެމްޑީޕީ މެމްބަރުންގެ ނުރުހުން

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމަށް އުފައްދާފައިވާ އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތް ލަސްކަމަށް ބުނެ އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް އެ ކޮމިޝަނަށް ފާޑުކިޔައިފިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ގުޅިގެން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް މިއަދު މަޖިލީހުގައި ބަހުސް ކޮށްފައިވާއިރު އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެމްބަރުން ވަނީ އެސެޓް ރިކަވަރީ ކިމިޝަންގެ މަސައްކަތްތަކަށް ލަސް ކަން ފާހަގަކޮށް އެކަމަށް ފާޑު ކިޔާފައެވެ.

އެގޮތުން ގަލޮޅޫ ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މިމައްސަލައަށް ވާހަކަ ދައްކަވަމުން ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނުން ފޮނުވި ލިސްޓު ފެނުމުން ލަދުގަތް ކަމަށާއި، އެއީ ލިސްޓުގެ 60 އިންސައްތަ ނަމަކީ އަދި މައުލޫމާތު ހޯދުމާ ހިސާބުގައި ހުރި ނަންތައް ކަމަށް ވީތީ ކަމަށެވެ. މީކާއިލް ވިދާޅުވީ ދެ އަހަރާ ބައިވެގެން ދިޔައިރުވެސް ގިނަ މީހުންގެ މައުލޫމާތު އެއްކުރަނީ ކަމަށް އޮތުމަކީ ލަދު ގަންނަން ޖެހޭ ކަމެއްކަމަށެވެ.

"ލިސްޓު ފެނިފައި އަޅުގަނޑު ވެސް ލަދު ގަތް ކަމެއް އޮތް. ލިސްޓުގެ 60 ޕަސެންޓް މީހުންނަކީ މައުލޫމާތު ސްޓޭޖްގައި އޮތް މީހުން ކަމަށް ބުނުމުން އަޅުގަނޑުމެން ހަމަ ލަދު ގަނޭ." މީކާއިލް ވިދާޅުވިއެވ.

މީގެ އިތުރުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ވެސް ވަނީ ވާހަކަ ދައްކަވަމުން، ކޮރަޕްޝަންގެ މައްސަލަ ބެލުމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ދެއަހަރާ ބައި ހޭދަ ކުރެއްވިކަން ހާމަކޮށް އެމަސައްކަތް އިތުރަށް އަވަސް ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ކޮމިޝަންގެ މަސައްކަތްތައް އަވަސް ކުރުމަށް މަޖިލީހުން އިތުރަށް އެ ކޮމިޝަންގެ މަސައްކަތްތައް ގާތުން ބަލަންޖެހޭ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް މި މައްސަލައަށް ވާހަކަ ދައްކަވަމުން ވިދާޅުވީ ކޮމިޝަނުން ހޭދަކޮށްފައިވާ ވަގުތާ ބަލާއިރު ކޮށްފައިވާ މަސައްކަތަކީ އެކށީގެންވާ މަސައްކަތެއް ނޫންކަމަށެވެ. ޝަފީގް ވިދާޅުވީ މިފައިސާ ލިބުނު 280 އަށްވުރެއް ގިނަ މީހުންގެ ނަން ލިސްޓުގައި އޮތްއިރު މީގެ އިތުރުން 170 އަށްވުރެއް ގިނަ މީހުންނަކީ އަދި މައުލުމާތު އެއްކުރުމާ ހިސާބުގައި ހުރި މީހުން ކަމަށެވެ.

"އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ އެސެޓް ރިކަވަރީ ކޮމިޝަނަށް މިވީހާ ދުވަހު މައުލޫމާތު ނުހޯދުނީތޯއޭ؟ ނޫންނަމަ ހޯދަން ހުރި ހުރަސްތަކަކީ ކޮބައިތޯއޭ؟ މިހިސާބަށް ދިޔައީ ކީއްވެތޯއޭ؟ އެއީ މުޅި ލިސްޓަށް ބަލާނަމަ 63 އިންސައްތަ." ޝަފީގް ވިދާޅުވިއެވެ.

ޝަފީގް ވިދާޅުވީ ލިސްޓަށް ބެލުމުން އެސެޓް ރިކަވަރީ ކޮމިޝަނަށް އެކަށޭނަ މަސައްކަތެއް ނުކުރެވޭކަން އިނގޭކަމަށާއި، ދައުރު ނިމިގެން ދާއިރުވެސް ދައުލަތަށް އަނބުރާ ހޯދޭ އެއްޗެއްގެ ގޮތުގައި އެއްވެސް އެއްޗެއް އޮންނާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މި މައްސަލައަށް ވާހަކަ ދައްކަވަމުން ވިދާޅުވީ، އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތުން މާބޮޑު ހިތްހަމަ ޖެހޭ ނަތީޖާއެއް ލިބިފައި ނުވާކަމަށެވެ. ކޮމިޝަން އުފައްދައިގެން ކުރަން އުޅުނީ ދެކަމެއް ކަމަށާއި، އެއީ ކޮރަޕްޝަން ތަހުގީގު ކޮށް އެސެޓް ރިކަވަރ ކުރުން ކަމަށެވެ. އެހެންނަމަވެސް ކޮރަޕްޝަންގެ މައްސަލަވެސް ނުބެލުނު ކަމަށާއި، އަދި އެސެޓް ވެސް އަދިވެސް ރިކަވާ ކުރެވިފައި ނުވާކަމަށެވެ. އަދި ރައްޔިތުންގެ އަތުން ވަގަށް ނަގާފައިވާ އެސެޓް ނުހޯދިއްޖެނަމަ، މަޖިލީހަކީ ފައިލް ވެފައިވާ މަޖިލީހެއް ކަމަށް ވާނެ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.