Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު ޝަރުއީ ދާއިރާ

ފާރިސްގެ ފޯނު ހިފަހަައްޓަން 2018 ގައި ނެރުނު އަމުރު ބާތިލު: ހައިކޯޓު

ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން. - ފޮޓޯ: މޯލްޑިވްސް ޓައިމްސް

ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ފޯނު ހިފެހެއްޓުމަށް 2018 ވަނަ އަހަރު ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ބާތިލު އަމުރެއް ކަމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

2018 ޖެނުއަރީ 27 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ފާރިސްގެ ފޯނުތަކާއި ފޯނުތަކުގެ ސިމް ކާޑުތަކާއި މެމޮރީ ކާޑުތައް ހިފެހެއްޓުމަށް އަމުރު ނެރެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ފައިސާ ބެހިކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކާ ގުޅިގެން ދިވެހިރާއްޖޭގައި އުފެދިފައިވާ ޤާނޫނީ ވެރިކަން ވައްޓާލުމަށް ޤާނޫނާ ޚިލާފަށް މަސައްކަތްތަކެއް ކުރަން ރާވާފައިވާކަމަށް ތުހުމަތު ކުރި މައްސަލައިގައެވެ.

ފާރިސްގެ ފޯނު ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ފަސް ނުކުތާއެއްގެ މައްޗަށް ބިނާކޮށެވެ.

މައްސަލަ އިސްތިއުނާފު ކުރިތާ ތިން އަހަރު ފަހުން ހައިކޯޓުން އެ މައްސަލައިގައި މިއަދު ހުކުމް ކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލު ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި ކޮރަޕްޝަނާއި އަނިޔާވެރިކަމާއި ދެކޮޅަށް ފާރިސް އިސްވެ ހުރެ އޭރުގެ އިދިކޮޅު ފަރާތްތަކާ. ގުޅިގެން ކުރި މަސައްކަތްތަކުގެ ސަބަބުން ފާރިސް އެކި ފަހަރު މަތިން ހައްޔަރު ކޮށްފައިވެއެވެ. އަދި އެކި ދައުވާތައް އުފުލާ ޖަލަށް ހުކުމް ކުރިއިރު ފަހުންވަނީ އެ މައްސަލަތަކުގައި ފާރިސްއަށް ހުކުމް ކޮށްފައިވަނީ ގޯހުން ކަމަށް ކަނޑައަޅާފައެވެ.