Last Updated: April 19, 10:45
Friday, April 19, 2024
ޚަބަރު

487 ސާމްޕަލްގެ ނަތީޖާ ނުލިބޭ، ބޮޑު ކަންބޮޑުވުމެއް: ފުވައްމުލަކު ހޮސްޕިޓަލް

ކޮވިޑު-19 އާއި ގުޅިގެން ފުވައްމުލަކުން ނަގާފައިވާ ސާމްޕަލް ތަކުގެ ތެރެއިން އަދިވެސް 487 ސާމްޕަލްގެ ނަތީޖާ ނުލިބޭތީ ކަންބޮޑުވާ ކަމަށް ފުވައްމުލަކު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ އިން ބުނެފިއެވެ.

ފުވައްމުލަކު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ އިން ރޭ ބޭއްވި ނޫސް ކޮންފަރެންސްގައި ފުވައްމުލަކު ހޮސްޕިޓަލްގެ ސީނިއާ ކޮމިއުނިޓީ ހެލްތު އޮފިސަރ އާމިނަތު އަހުމަދު ވިދާޅުވީ ފާއިތުވި ފާއިތުވި 24 ގަޑިއިރު ތެރޭގައި ފުވައްމުލަކުން 165 ސާމްޕަލް ނަގާފައިވާ އިރު އޭގެ ތެރެއިން އަދި ނަތީޖާ ލިބިފައިވަނީ އެންމެ 15 ސާމްޕަލްގައި ކަަމަށެވެ.

އާމިނަތު އަހުމަދު ވިދާޅުވީ އަދިވެސް 487 ސާމްޕަލްގެ ނަތީޖާ ނުލިބިވާ ކަމަށެވެ. އޭގެ ތެރޭގައި ރެންޑަމްކޮށް ނެގި 187 ސާމްޕަލް ވެސް ހިމެނޭ ކަމަށް އާމިނަތު ވިދާޅުވިއެވެ.

އާމިނަތު ވިދާޅުވީ ރަށުގެ ހާލަތު ހުރި ގޮތުން ސާމްޕަލް ނުލިބި ލަސްވުމަކީ ކޮންޓެކްޓު ޓްރޭސިން ހެދުމަށް ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމެކެވެ.

ފުވައްމުލަކުން ކޮވިޑު-19 އަށް ޓެސްޓު ނުކުރެވޭތީ ސާމްޕަލް ފޮނުވަނީ މާލެއަށެވެ. އަދި ބައެއް ފަހަރު އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ވެސް ސާމްޕަލް ފޮނުވައެވެ. ނަމަވެސް ސާމްޕަލްގެ ނަތީޖާ ލިބުމުގައި ލަސްތަކެއްވާކަމުގެ ޝަކުވާ އަބަދުވެސް ފުވައްމުލަކު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އައީ ފާހަގަ ކުރަމުންނެވެ.

ފުވައްމުލަކު ކައުންސިލްގެ އާ މޭޔަރ އިސްމާއިލް ރަފީގުވެސްވަނީ ފުވައްމުލަކުން ކޮވިޑު ޓެސްޓު ހެދޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ނައިބް ރައީސް ފައިސަލް ނަސީމުއަށް ދަންނަވާފައެވެ. ނަމަވެސް އަދި އެކަން ހައްލު ނުކުރެވެއެވެ.

ފުވައްމުލަކުގައި ކޮވިޑު އެކްޓިވް 213 ކޭސް ހުރި އިރު ފާއިތުވި 24 ގަޑި އިރު ތެރޭ ބަލި ޖެހިފައިވާ 8 މީހަކު ވަނީ ރަނގަޅުވެފައެވެ.