Last Updated: April 28, 11:45
Sunday, April 28, 2024
ޚަބަރު

ދަރިވަރުންނަށް ބަދަލުދޭން ޖެހޭނީ އޭއޭއޭގެ ފައިސާއިން: ރޮޒެއިނާ

ރޮޒޭނާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ:-އޭނާ ތަމްސީލް ކުރާ މީދޫ ދާއރާގައި ގިނަ އަންހެނުން އިސް ސަފުގައި މަސައްކަތްކުރޭ

އައްޑޫ ސިޓީ ގަމުގައި ހިންގާ ފްލައިން ސްކޫލްގެ ދަރިވަރުންނަށް ބަދަލުދޭން ޖެހޭނީ އެ ސްކޫލް ހިންގަމުން އަންނަ ސްރީލަންކާގެ އޭޝިއަން އެކެޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ގެ ފައިސާ އިން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފްލައިން ސްކޫލްގައި ހިނގަމުންދާ ކަންކަމަށް އޭއޭއޭ އިން ޒިންމާ ނަގަންޖެހޭ ކަމަށާއި އަދި ދަރިވަރުންނަށް ގެއްލުމުގެ ބަދަލުވެސް ދޭންޖެހޭ ކަމަށެވެ. އަދި ގެއްލުމުގެ ބަދަލުގެ ފައިސާ އަކީ ސަރުކާރުން ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށާއި އެހެން ރައްޔިތުން މީގެ ޒިންމާ ނަގަން ނުޖެހޭ ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

"ދަރިވަރުންނަށް ބަދަލު ހޯދައިދޭން ޖެހޭނީ ސީދާ އޭއޭއޭ ގެ ފައިސާ އިން. މިކަމާ ބަންޑާރަ ނައިބުގެ މަޝްވަރާ ވެސް ހޯދާނަން" ރޮޒެއިނާ ވިދާޅުވިއެވެ.

ފްލައިން ސްކޫލްގެ މައްސަލަ އަށް ހައްލެއް ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާއިރު، ފްލައިން ސްކޫލްގެ ހެޑް އޮފް ޓްރެއިނިންގެ މަގާމުގައި ހުރި ސުރަންޖަން ޑި ސިލްވާ އެ މަގާމުގައި ހުރުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ހުއްދަ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ބާތިލުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

އަދި ފްލައިން ސްކޫލްގެ މައްސަލަތަކަށް އެކަށީގެންވާ އަވަސް މިނެއްގައި ހައްލު ނުކުރެވޭނަމަ ސްކޫލްގެ އެކައުންޓެބަލް މެނޭޖަރުގެ މަގާމުގައި ހުރި އަލީ އަކުބަރު ޖީވަންޖީ އެ މަގާމުގައި ހުރުމަށް ދޫކޮށްފައިވާ ހުއްދަ ވެސް އަތުލާނެ ކަމުގެ އެންމެފަހުގެ އިންޒާރު ސިވިލް އޭވިއޭޝަން އޮތޯރިޓީން މިހާރު ވަނީ ދީފައެވެ.

ފްލައިން ސްކޫލްގެ އިސްވެރިޔަކަށް ފިޔަވަޅު އަޅާފައިވާއިރު، މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ފްލައިން ސްކޫލް އެއްކޮށް ހުއްޓުމަކަށް ވަނީ އައިސްފައެވެ. އަދި މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސްކޫލްގައި ދުއްވާނެ އެއްވެސް ބޯޓެއް ނެތެވެ.

މީގެއިތުރުން މިދިޔަ ހަފްތާގެ ތެރޭގައި ސްކޫލްގެ އިންޖިނިއަރުންގެ ޓީމު މުސާރައިގެ މައްސަލައިގައި ސްކޫލުން އިސްތިއުފާ ދިނުމަށްފަހު އެނބުރި ގައުމަށް ފުރާފައިވާއިރު ދެން ބޯޓެއް ނިކުންނާނެ ދުވަހެއް ވެސް އަދި އިންޖިނިއަރުންތަކެއް އެނބުރި ސްކޫލާއި ގުޅޭނެ ދުވަހެއް ވެސް ދަރިވަރުންނަށް އަދި މިހާތަނަށް އަންގާފައެއް ނުވެއެވެ.