Last Updated: April 27, 22:41
Saturday, April 27, 2024
ޚަބަރު އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް

ފްލައިން ސްކޫލްގެ ޖެނެރަލް މެނޭޖަރުގެ ނުރުހުން ސަރުކާރަށް

ސަރުކާރުން އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލަށް އޮއްގާ އުކާ ކަމުގެ ތުހުމަތުކޮށް އެ ސްކޫލްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ފަޒީލް ރަޝީދު ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

ފަޒީލްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުކޮށްފައިވާއިރު، ފްލައިން ސްކޫލްގެ ހެޑް އޮފް ޓްރެއިނިންގެ މަގާމުގައި ހުރި ސުރަންޖަން ޑި ސިލްވާ އެ މަގާމުގައި ހުރުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ހުއްދަ މިހާރު ވަނީ ބާތިލުކޮށްފައެވެ.

ރޭ "ސީއެންއެމް" އިން ގެނެސްދިން ޕްރޮގްރާމެއްގައި ފަޒީލް ވިދާޅުވީ މީޑިޔާއެއްގައި ޖަހާ އެއްޗަކުން ނުވަތަ ކުރާ ޓްވީޓަކުން ސްކޫލަކަށް ފިޔަވަޅު ނޭޅޭނެ ކަމަށާއި މިއީ 2020 ކަމަށްވާއިރު އެއަށް ވުރެ ކުފޫ ހަމަވާންޖެހޭ ކަމަށެވެ. އަދި ދަރިވަރުން ކޮންމެފަދަ އެއްޗެކޭ ވެސް ބުނެފާނެ ކަމަށާއި ދަރިވަރުން ޝަކުވާ ކުރުމުން އެ ދަރިވަރުންނަށް އެންމެ އެކަށީގެންވަނީ ކޮން ގޮތެއްތޯ ބަލައި ރަނގަޅު މަގަށް ކަންކަން އެނބުރުމަށް މަސައްކަތް ކުރުމަކީ އެންމެންގެ ވެސް މަސްއޫލިއްޔަތެއް ކަމަށްވެސް ފަޒީލް ވިދާޅުވިއެވެ.

"އެކަމެއް ނޫން ދެއްތޯ މިކުރަނީ. ހަމަ އެ ކުދިންނަށް އެއްބާރުލުން ދީފައި ސްކޫލާއި ދިމާލަށް އޮއްގާ އުކަނީ" ފަޒީލް ވިދާޅުވިއެވެ.

އަދި ދަރިވަރުންނަށް އެންމެ އެދެވޭ ނަތީޖާއެއް ނިކުންނާނީ ސްކޫލްގެ ކޮންޓްރެކްޓް އާކުރެވުމުން ކަމަށާއި އެއީ ވެސް ސަރުކާރުގެ އަތްމަތީގައި އޮތް ކަމެއް ކަމަށް ފަޒީލް ވިދާޅުވިއެވެ. އަދި އެކަމާމެދު ގަން އެއާޕޯޓު ކުންފުނިން ނިންމާ ގޮތެއް ނޭނގޭ ކަމަށް ވިދާޅުވެ ފަޒީލް ވަނީ ސިވިލް އޭވިއޭޝަނުން ވެސް ފިޔަވަޅުތަކެއް އަޅާއިރު ދުނިޔެ މިހާރު އޮތް ހާލަތާއި ވެސް ވިސްނަންޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.

މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ފްލައިން ސްކޫލް އެއްކޮށް ހުއްޓުމަކަށް ވަނީ އައިސްފައެވެ. އަދި މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސްކޫލްގައި ދުއްވާނެ އެއްވެސް ބޯޓެއް ނެތެވެ.

މީގެއިތުރުން މިދިޔަ ހަފްތާގެ ތެރޭގައި ސްކޫލްގެ އިންޖިނިއަރުންގެ ޓީމު މުސާރައިގެ މައްސަލައިގައި ސްކޫލުން އިސްތިއުފާ ދިނުމަށްފަހު އެނބުރި ގައުމަށް ފުރާފައިވާއިރު ދެން ބޯޓެއް ނިކުންނާނެ ދުވަހެއް ވެސް އަދި އިންޖިނިއަރުންތަކެއް އެނބުރި ސްކޫލާއި ގުޅޭނެ ދުވަހެއް ވެސް ދަރިވަރުންނަށް އަދި މިހާތަނަށް އަންގާފައެއް ނުވެއެވެ.

ސްކޫލްގައި ހުރި މައްސަލަތަކެއް ހައްލެއް ނުލިބި ދިގުލައި، އަދި ހާލަތު އިތުރަށް ގޯސްވެފައިވާތީ ދަރިވަރުން އަންނަނީ ސޯޝަލް މީޑިއާގައި ޝުއޫރުތައް ފާޅުކުރަމުންނެވެ. އެގޮތުން ދަރިވަރުން އަންނަނީ މިހާރު ބޭނުންވަނީ އޭއޭއޭ ނޫން ހައްލެއް ކަމަށް ބުނަމުންނެވެ.