Last Updated: April 29, 22:11
Monday, April 29, 2024
ޚަބަރު ކޮވިޑު ޓެސްޓު

އައްޑޫގެ ކޮވިޑް ޓެސްޓިން ކެޕޭސިޓީ އިތުރުކުރަނީ

އައްޑޫގެ މޭޔަރު، އަލީ ނިޒާރު - ފޮޓޯ: އައްޑޫލައިވް

އައްޑޫ ސިޓީގެ ކޮވިޑް-19 ގެ ޓެސްޓިން ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ރޭ އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާރު ވިދާޅުވީ އައްޑޫގެ ކޮވިޑް ޓެސްޓު ހެދުން ރަނގަޅު ކުރުމަށް ސަރުކާރާއި އެޗްޕީއޭ އިން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި އައްޑޫގެ ކޮވިޑް ޓެސްޓިން ކެޕޭސިޓީ 500 އާއި 800 އާއި ދެމެދުގެ އަދަދަކަށް އިތުރުކުރުމަށް މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

އަދި އެކަން އެގޮތަށް ވެއްޖެނަމަ ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށާއި އެގޮތުން ލެބޯޓްރީގެ ހިދުމަތްތައް ރަނގަޅު ކުރުމަށްޓަކާ އިތުރު ދެ ލެބް ޓެކްނީޝަނުން ހޯދުމަށް ވެސް މިހާރު މަސައްކަތް ކުރެވެމުންދާ ކަމަށް ނިޒާރު ވިދާޅުވިއެވެ.

"އެކަން ހަމަޖެހުމުން ވަރަށް ހަލުވި ވެގެންދާނެ ޓެސްޓު ހެދުމުގެ ކަންކަން" ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ އައްޑޫގެ ކޮވިޑު ހާލަތާއި ގުޅޭގޮތުން ރައިސް އިބްރާހިމް މުހައްމަދު ސޯލިހހު ގުޅުއްވައި މައުލޫމާތު ސާފު ކުރައްވާފައިވާ ކަމަށެވެ. އަދި ނައިވބް ރައީސް ފައިސަލް ނަސީމްވެސް އައްޑޫގެ ހާލަތު ބެއްލެވުމަށް ގުޅުއްވި ކަމަށާއި ކަންބޮޑުވުންތަކުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން އައްޑޫ ކޮވިޑް ފެސިލިޓީގެ ހިދުމަތްތައް ވެސް ރަނގަޅު ކުރަން މަސައްކަތް ކުރެވެމުންދާ ކަމަށާއި ރައްޔިތުންނަށް އިތުރު ދަތިތަކެއް ކުރިމަތި ނުވެ ކަންކަން ކުރެވޭތޯ ބަލާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ. އަދި ރައްޔިތުން ވެސް މިހާރު އޮތް ހާލަތު އިތުރަށް ގޯސް ނުވާނެ ފަދަ ގޮތަކަށް އަމަލުކުރުމަށް ނިޒާރު އިލްތިމާސް ކުރެއްވިއެވެ.

އައްޑޫގައި ކޮވިޑްގެ 159 ކޭސް އުޅޭއިރު ބަލިން މިހާތަނަށް ވަނީ 47 މީހަކު ރަނގަޅުވެފައެވެ. އަދި އައްޑޫ ކޮވިޑް ފެސިލިޓީގައި ފަސް މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.