Last Updated: May 2, 21:16
Thursday, May 2, 2024
ޚަބަރު ނަޝީދަށް ދެވުނު ޓެރަރިސްޓު ހަމަލާ

ބޭނުންވާ ސްޕީޑުގައި ތަހުގީގު ކުރިއަށް ނުދޭ: މިނިސްޓަރު އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ - ފޮޓޯ: މަޖިލިސް

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ބޮމުގެ ހަމަލާގެ ތަހުގީގުގެ ސްޕީޑް އެންމެ ހިތްހަމަ ޖެހޭ ވަރަށް ނުދާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ތަހުގީގު ކުރިއަށް ދާގޮތާމެދު ހިތްހަމަ ޖެހޭކަމަށެވެ. އެހެންނަމަވެސް އެކި ކަންކަމުގެ ސަބަބުން އެންމެ ބޭނުންވާ ބާރު ސްޕީޑުގައި ތަހުގީގު ކުރިއަށްނުދާ ކަމަށް ވިދާޅުވިއެވެ.

އެގޮތުން މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ހަތަރު މީހުން ޕޮޒިޓިވް ވެފައިވުމާއި ތަހުގީގުގައި ހަރަކާތްތެރިވާ އޮފިސަރުންތަކެއް ޕޮޒިޓިވް ވެފައިވުމުން ގިނަ ހުރަސްތަކެއް ހުރި ކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް މަސައްކަތް ކުރުމަށް ހޭދަކުރާ ވަގުތާ އަދި ކުރާ މަސައްކަތް ރަނގަޅުކަމަށް ވިދާޅުވިއެވެ.

"އެހެންކަމުން މަސައްކަތް ކުރެވެމުންދާ ގޮތާމެދުގައި، އަޅުގަނޑު ހިތްހަމަ ޖެހުން އެބައޮތް. ސްޕީޑް އަޅުގަނޑުމެން ބޭނުންވާ ވަރަށް ނުގެންދެވުމުގެ ބައިވަރު ސަބަބުތައް އެބަހުރި. އެކަން އިތުރަށް ބާރުކުރަން އަޅުގަނޑުމެން ބޭނުންވޭ." މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ރައީސް ނަޝިދަށް އަމާޒުކޮށް ދެވުނު ޓެރަރިޒަމްގެ ހަމަލާ ފުލުހުން ވަރަށް އިސްކަމެއް ދީގެން ތަހުގީގުކޮށް ބަލަމުން އަންނަކަމަށެވެ.

އެ މައްސަލައަށް ފުރަތަމަ ފުލުހުންގެ ތެރެއިން 450 ފުލުހުން ހާއްސަކޮށް ތަހުގީގު ކުރެވި، އެކަށިގެންވާ ކުރިއެރުންތައް ހޯދިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި މި މައްސަލައާ ސީދާ ގުޅޭ 4 މީހަކު އަދި ޓެރަރިޒަމްގެ މައްސަލަތަކާ ގުޅޭ އިތުރު 14 މީހުން ހައްޔަރު ކުރައްވާފައިވާކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.