Last Updated: March 29, 02:52
Friday, March 29, 2024
ޚަބަރު ނަޝީދަށް ދެވުނު ޓެރަރިސްޓު ހަމަލާ

އިންކުއަރީ ނިންމުމަށް އަމާޒުކޮށްފައިވަނީ ޖޫން މަހުގެ ނިޔަލަށް: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީ ޖޫން މަހުގެ ނިޔަލަށް ނިންމުމަށް އަމާޒުކޮށްފައިވާކަމަށް ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިފަދައިން ވިދާޅުވެފައިވަނީ 241 ކޮމިޓީގެ ފަރާތުން މިހާރު ކުރިއަށްގެންދާ އިންކުއަރީއާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެގޮތުން އަސްލަމް ވިދާޅުވީ ރައީސް ނަޝިދުގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ އިންކުއަރީއަށް ރާއްޖެ އާއި ރާއްޖޭން ބޭރުގެ އެކްސްޕާޓުންގެ އެހީތެރިކަން ހޯދާނެ ކަމަށެވެ. އަދި ކޮމިޓީން ކުރަނީ މައްސަލައިގެ ތަހުގީގެއް ނޫންކަމަށާއި، ކޮމިޓީން ކުރާނީ ހަމަލާ ދޭން މެދުވެރިވީ ސަބަބުތައް ދެނެގަތުމުގެ އިންކުއަރީއެއް ކަމަށް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އިންކުއަރީ ނިންމުމަށް އަމާޒުކޮށްފައިވަނީ ޖޫން މަހުގެ ނިޔަލަށް ކަމަށެވެ.

މީގެ އިތުރުން ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އެއްވެސް ފަރާތަކުން ހަމަލާގެ ތަހުގީގު ހިންގުމަށް ހުރަސް އަޅަން އުޅޭ ކަމަށް ބެލެވިފައި ނެތްކަމަށެވެ. އަދި 241 ކޮމިޓީން މައްސަލައިގެ ތަހުގީގު ކުރިއަށްދާގޮތް ގާތުން ބަލާނެ ކަމަށް ވިދާޅުވިއެވެ.