Last Updated: May 7, 11:50
Tuesday, May 7, 2024
ޚަބަރު ކޮވިޑު-19

ކޮވިޑުގެ ކޮންޓްރޯލް އަތުން ގެއްލިއްޖެ: ޑރ. މުހައްމަދު އަލީ

ކޮވިޑުގެ ކޮންޓްރޯލް ރާއްޖެއިން ގެއްލިއްޖެކަމަށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ހާއްސަ ޑޮކްޓަރ މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

ޑރ. މުހައްމަދު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު ފެންނަނީ އެއްބަޔަކު އަނެއް ބަޔަކަށް ތުހުމަތު ކުރާ މަންޒަރު ކަމަށާއި، ބަލީގެ ކޮންޓްރޯލް އަތްމަތިން ދޫވެފައިވާ ކަމަށެވެ. އަދި އެކަން ހައްލު ކުރެވެން އޮތީ އެކަން ވީއެންމެ އަވަހަކަށް ގަބޫލްކޮށް މަސައްކަތްކޮށްގެން ކަމަށެވެ.

ރާއްޖޭގައި ކޮވިޑު-19 ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ އިރު ކޮންމެ ދުވަހަކު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 2000 އާއި މިހާރު ގާތްކުރެއެވެ. ކޮވިޑު ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވި އިރު ފަރުވާ ދިނުމަށް ބޭނުން ކުރާ ހުޅުމާލެ ކޮވިޑު ފެސިލިޓީ ވަނީ ފުލްވެފައެވެ. ދުވާލަތު 5 މީހުންނަށްވުރެ ގިނަ މީހުން މަރުވަމުން އަންނަ އިރު މި މަހު މިހާތަނަށް 61 މީހަކު ވަނީ މަރުވެފައެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވީ ސިއްހީ ހިދްމަތްތެރިން ވަރުބަލިވެއްޖެކަމަާއި، ފާއިތު ދޮޅު އަހަރު ކޮވިޑު ކޮންޓްރޯލް ކުރުމުގައި މަސައްކަތް ކުރީ އެއްބައެއް ކަމަށެވެ. އަދި އެޓީމަށް އެެއްކޮށް މާ ރަނގަޅަށްވެސް މަސައްކަތް ކުރެވިދާނެކަމަށެވެ.

މުހައްމަދު އަލީ ވިދާޅުވީ މި ވަގުތަކީ ހިތްވަރު ދޫކޮށްލަންވީ ވަގުތު ނޫންކަމަށާއި، މިއީ ބަލިން އަރައިގަތުމަށް އެންމެން އެކުގައި މަސައްކަތް ކުރަންވީ ވަގުތު ކަމަށް ވިދާޅުވެފައެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން މާލޭ ސަރަޙައްދުގައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައެވެ. ނަމަވެސް އަޅަނީ ކޮން ފިޔަވަޅުތަކެއް ކަމަށް އަދި ސަރުކާރުން ހާމަނުކުރެއެވެ.