Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު ކޮވިޑު-19

ހުޅުމާލޭގައި އިތުރު ކޮވިޑް ފެސިލިޓީއެއް ގާއިމު ކުރަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން އެޑްމިޓް ކޮށްގެން ފަރުވާ ދޭންޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި އިތުރު މެޑިކަލް ފެސިލިޓީއެއް ގާއިމު ކުރުމަށް ނިންމާފައިވާކަން ސަރުކާރުން ހާމަކުރައްވައިފިއެވެ.

ރޭ ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގަިއ ވާހަކަ ދައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، މިހާރު ހުޅުމާލޭގައި ހިދުމަތްދިނުމަށް ބޭނުންކުރަމުން އަންނަ މެޑިކަލް ފެސިލިޓީގައި މައްސަލަތަކެއް އެބަހުރިކަމަށެވެ. އެހެންކަމުން އެކަން ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ. އަދި ހުޅުމާލޭގައި އިތުރު މެޑިކަލް ފެސިލިޓީއެއް ގާއިމު ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެގޮތުން ހުޅުމާލޭގައި ގާއިމު ކުރުމަށް މަސައްކަތް ކުރަނީ 270 އެނދުގެ ފެސިލީޓީއެއްކަން ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ.

ހުޅުމާލޭގައި މިހާރު ހުރި ފެސިލިޓީއާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެތަނުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް، އެޓެންޑެންސްގެ ގޮތުގައި 62 މީހަކާއި 31 މީހަކާއެކު ކޯލް ސެންޓަރެއް ގާއިމު ކޮށްފައިވާކަމަށެވެ.

މީގެ އިތުރުން ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ކޮވިޑް-19 ގެ މިހާލަތުން ސަލާމަތްވުމަށްޓަކައި ކުރާ މަސައްކަތަށް ސަރުކާރުގެ ހުރިހާ ވަސީލަތެއް ހާއްސަކުރައްވާނެކަމަށވެެ.