Last Updated: April 28, 14:38
Sunday, April 28, 2024
ޚަބަރު އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް

ފްލައިން ސްކޫލް މައްސަލަ: ދެ ވަޒީރަކާއި ކޮމިޓީން ބައްދަލުކުރަނީ

އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލްގެ މައްސަލައިގައި ދެ ވަޒީރަކާއި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީން މިއަދު ބައްދަލުކުރުމަށް ނިންމައިފިއެވެ.

އެގޮތުން މިއަދު ހެނދުނު 11:00 ގައި އޮންނަ ކޮމިޓީ ބައްދަލުވުމުގައި ބައްދަލުކުރަން ނިންމާފައިވަނީ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ އިބްރާހީމް ހަސަން އާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއެވެ.

ފްލައިން ސްކޫލްގެ މައްސަލައާ ގުޅިގެން ގައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީގެ މެމްބަރުން މިއަހަރުގެ ކުރީކޮޅު ވަނީ އައްޑޫ އަށް ވަޑައިގެން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނާއި، ސްކޫލްގެ އިސްވެރިންނާއި، ގަން އެއާޕޯޓު ހިންގާ ކުންފުނީގެ ބޭފުޅުންގެ އިތުރުން އައްޑޫ ސިޓީ ކައުންސިލާއި އަދި ސިވިލް އޭވިއޭޝަންގެ ބޭފުޅުންނާއި
ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުންތަކަށްފަހު އެ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ވަނީ ބައެއް ހުށަހެޅުންތައް ހުށަހަޅާފައެވެ.

އެގޮތުން ދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރުމަށް ހުރަސް އެޅިފައިވާތީ ދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރުމަށް މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރާ ވަނީ ގޮވާލާފައެވެ.

އަދި ދަރިވަރުންގެ ކިބައިން ނިގުޅައިގަނެފައިވާ ހައްގުތަކާއި އެ ދަރިވަރުންނަށް މާލީ ގޮތުން ލިބިފައިވާ ގެއްލުންތަކުގެ ބަދަލު އޭއޭއޭގެ ކިބައިން ދަރިވަރުންނަށް ސަރުކާރުން ހޯދައިދިނުމަށާއި ދަރިވަރުންގެ ކިބައިން ނިގުޅައިގަތް ހައްގުތަކާމެދު ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީކުރުވައި، އެ ފަރާތްތަކާ މެދު ދައުލަތުގެ ކަމާގުޅޭ އިދާރާތަކުން ފިޔަވަޅު އެޅުމަށް ވެސް ވަނީ ގޮވާލާފައެވެ.

މީގެއިތުރުން ކުރިއަށް އޮތްތަނުގައި ރާއްޖޭގައި މިފަދަ އިންސްޓިޓިއުޓްތައް ހިންގުމުގެ ހުއްދަ ދޭން ޖެހޭނީ ހަރުދަނާ ގަވާއިދުތައް ހެދުމަށްފަހު އެ ގަވައިދުތަކުގެ ތެރެއިން ކަމަށްވެސް ކޮމިޓީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.