Last Updated: April 19, 21:43
Friday, April 19, 2024
ޚަބަރު ކޮވިޑު-19

ކުޑަ ކުއްޖާގެ މަރު: އެމްބިއުލަންސް ލަސްވި މައްސަލަ ބަލަނީ

ކޮވިޑަށް ފަރުވާ ދެމުން ދަނިކޮށް ރޭ ނިޔާވި އުމުރުން 10 އަހަރުގެ ކުއްޖާ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިއުމަށް ބޮޑުތަނުން ލަސްވި މައްސަލައިގެ ކޭސް ރިވިއު ފަށާފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް ނިޔާވި އެންމެ ކުޑަކުއްޖާގެ މައްސަލައިގައި، އެ ކުއްޖާގެ ހާލު ސިރިއަސްވިއިރު، އެމްބިއުލަންސްއަށް ގުޅައިގެން ގިނަ ވަގުތުތަކެއް ވިކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ހެލްތް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އެމްބިއުލާނސް ފޮނުވުން ލަސްވި ގޮތުގެ ކޭސް ރިވިއުއެއް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފެންމަތިވުމާ އެކު، އެމްބިއުލާންސް ޑިޕްލޯއީ ކުރާ އުސޫލަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލްގެ އީއާރުގައި ފަރުވާ ދެމުން ދަނިކޮށް ރޭ ނިޔާވި ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ ކުއްޖާގެ އާއިލާ މީހަކު ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ އެ ކުއްޖާގެ މަންމަ އާއި ބައްޕަ އަދި އެކުއްޖާ ކޮވިޑަށް ޕޮޒިޓިވް ކަމަށާއި، ކަރަންޓީނުވެގެންތިބީ ގޭގައި ކަމަށެވެ. އަދި ކުއްޖާ ނޭވާލާން އުނދަގޫވެގެން އެޗްޕީއޭއަށް ގުޅިކަމަށާއި، ކުއްޖާ ބަލައި އެމްބިއުލެންސް އައީ ގުޅިތާ 2 ގަޑި އިރާއި 40 މިނިޓް ފަހުން ކަމަށެވެ.

އެ ކުއްޖާގެ ހާލު ދެރަވާން ފެށީ 9 ޖަހާކަށް ހާއިރު ކަމަށް އެމީހާ ބުނެފައިވެއެވެ. އަދި ނޭފަތުން ލޭ އައުމުން އެކަން އެޗްޕީއޭއަށް އަންގައި އަވަހަށް އެމްބިއުލެންސް ފޮނުވައި ދިނުމަށް އާދޭސް ކުރިކަމަށް އެމީހާ ބުނެފައިވެއެވެ. ނަމަވެސް އެމްބިއުލެންސް އައީ 11:40 ހާއިރު ކަމަށްވެސް ބުނެފައިވެއެވެ.