Last Updated: March 30, 01:16
Friday, March 29, 2024
ޚަބަރު ނަޝީދަށް ދެވުނު ޓެރަރިސްޓު ހަމަލާ

މިފަދަ ތަހުގީގު ތަކަށް ވަގުތު ނަގާނެ، މަސައްކަތާ މެދު ފަހުރުވެރިވޭ: ފުލުހުން

ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު-- ފޮޓޯ: މިހާރު

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގަށް ވަގުތު ނަގާނެ ކަމަށާއި، ޓީމުގެ މަސައްކަތާމެދު ފަހުރުވެރިވާކަމަށް ފުލުހުން ބުނެފިއެވެ.

ރައިސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ މައްސަލައިގެ ތަހުގީގު އަދި އޮތް ހިސާބުން މައްސަލައިގައި ފައިނޭންޝަލީ ބަޔަކު ހަރަކާތްތެރިވެފައިވޭތޯ ނުވަތަ ނޫންތޯ ހާމަކުރަން އުނދަގޫ ވަނީ މައްސަލައިގެ ތަހުގީގު ވަރަށް ފުޅާކޮށް ކުރިއަށް ދާތީ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވަކިކަހަލަ މައުލޫމާތެއް ހިއްސާ ކުރެވެއްޖިއްޔާ ދެން ކުރަން ހުރި މަސައްކަތްތަކަށް ހުރަސް އެޅިދާނެ ކަމަށް ފެންނާތީ." ބަޝީރު ވިދާޅުވިއެވެ.

ބަޝީރު ވިދާޅުވީ ފުރިހަމަވެ ނިމެމުން ދާވަރަކުން އެ ވާހަކަތަކަށް ޖަވާބު ދެވޭނެ ކަމަށް އުންމީދު ކުރާ ކަމަށާއި، އެހެންނަމަވެސް މިއީ ފައިނޭންޝަލް އިންވެސްޓިގޭޝަނާއި ގުޅޭގޮތުން މައުލޫމާތު ހާމަކުރުމަށް އެންމެ އެކަށޭނަ ވަގުތު ނޫންކަމަށެވެ.

މީގެ އިތުރުން ބަޝީރު ވިދާޅުވީ މިފަދަ ތަހުގީގުތަކަސް ވަގުތު ނަގާނެ ކަމަށާއި، އެހެންނަމަވެސް ތަހުގީގު ޓީމުގެ މަސައްކަތާމެދު ފަހުރުވެރިވާކަމަށެވެ.

"މިފަދަ ކޮމްޕްލެކްސް އިންވެސްޓިގޭޝަންސް އަކީ ޓައިމް ނަގާނެ އިންވެސްޓިގޭޝަންތައް. އަޅުގަނޑުމެން ހަމަ ޓީމުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން މި ގެންދަނީ ވީހާވެސް އަވަހަކަށް އަޅުގަނޑުމެންގެ ތަހުގީގު ކޮމްޕްލީޓް ކުރުމަށް. އަޅުގަނޑުމެން ހަމަ ފަހުރުވެރިވާ ވަރަށް ސްޕީޑެއްގަ ހަމަ އެބަދޭ މަސައްކަތް، އަޅުގަނޑުމެން ޓީމުން އެބަ މަސައްކަތް ކުރަމުންދޭ." ބަޝީރު ވިދާޅުވިއެެވ.

މީގެ އިތުރުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ހަމަލާގައި އަމަލީގޮތުން ބައިވެރިވެ ރާވާ ހިނގި ފަރާތްތަކާއި އަދި ހަރަދު ކުރި ފަރާތްތައް ތަހުގީގުގެ ތެރެއިން ހޯދި ޤާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ކަމުގެ ޔަގީންކަން ތަހުގީގު ޓީމަށް އޮތް ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގާ ގުޅިގެން ބައެއް މައުލޫމާތު ހިއްސާ ނުކުރެވުމަކީ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ސްޕީޑާއި ކުރިއެރުމާމެދު ސުވާލު އުފެދިދާނެ ކަމެއްކަމަށް ޤަބޫލުކުރެވޭކަމަށްވެސް ޝިފާއު ވިދާޅުވިއެވެ.