Last Updated: April 27, 09:46
Saturday, April 27, 2024
ޚަބަރު ޝަރުއީ ދާއިރާ

ބޭސްފަރުވާއަށް އަލީ ވަހީދަށް ދިން މުއްދަތު ހަމަވެއްޖެ

އަލީ ވަހީދު - ފޮޓޯ: ސަން

ޖިންސީ ގޯނާގެ ދައުވާ އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ބޭސްފަރުވާއަށް ކްރިމިނަލް ކޯޓުން ދިން މުއްދަތު ހަމަވެއްޖެއެވެ.

އަލީ ވަހީދަށް ރައްޖެއިން ބޭރަށްގޮސް ބޭސްފަރުވާ ކުރުމަށް ކްރިމިނަލް ކޯޓުން ދީފައިވަނީ 4 މަހުގެ މުއްދަތެކެވެ. އެ މުއްދަތު މިއަދަށް ވަނީ ހަމަވެފައެވެ.

އަލީ ވަހީދު ބޭސްފަރުވާއަށް ދިއުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދީފައިވަނީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޖާމިނު ކޮށްފައެވެ. އަޑުބަރޭ ޖާމިނުވެ ސޮއިކޮށްފައިވާ އިގުރާރުގައި ބުނެފައިވަނީ ޕާސްޕޯޓް ދޫކުރާ ހަތަރު މަސް ދުވަހުގެ ތެރޭގައި އަލީ ވަހީދު ނުފިއްލަވާނެ ކަމަށާއި ކަނޑައަޅާފައިވާ މުއްދަތަށް އޭނާ އަނބުރާ ރާއްޖެއަށް ގެންނާނެ ކަމަށެވެ. އެހެންނަމަވެސް ޖާމިނު ވުމުގެ އިގުރާރުގައިވާ ގޮތަށް ކޯޓުގެ މުއްދަތު ހަމަވިއިރުވެސް އަލީ ވަހީދު ރާއްޖެ އައިސްފައެއް ނުވެއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 64 ވަނަ މާއްދާގެ (ޅ) ގައި ބުނެފައިވަނީ ޖާނިމުވާ މީހާ އިޤްރާރާ ހިލާފުވެއްޖެނަމަ އެއް އަހަރަށްވުރެއް ދިގު ނޫން މުއްދަތަކަށް ޖަލަށް، ދެ އަހަރަށް ވުރެއް ދިގު ނޫން މުއްދަތަކަށް ގޭބަންދު ކުރުމަށް، 15،000 ރުފިޔާއަށް ވުރެއް ބޮޑު ނޫން އަދަދަކުން ޖުރިމަނާ ކުރުމަށް ހުކުމް ކުރެވިދާނެ ކަމަށެވެ.

މާދަމާ އަލީ ވަހީދުގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަލީ ވަހީދުގެ މަގާމުން ވަކި ކުރެވުނީ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއާ ބައްދަލުކޮށް އަލީ ވަހީދުގެ ފަރާތުން ޖިންސީ ގޯނާތަކެއް ލިބުނު މައްސަލައެއް ހުށައެޅުމުން އެކަމާއި ގުޅިގެންނެވެ.

އަލީވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް:

-ޖިންސީ ކުށުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ
-ޖިންސީ ކުށުގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ
-ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ
-ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ
-ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ
-ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާ އާއި އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ.