Last Updated: April 16, 23:13
Tuesday, April 16, 2024
ޚަބަރު ޝަރުއީ ދާއިރާ

ޔާމީނަށް ބަދު ދުއާ ކޮށްފައިވާ ޕޯސްޓް ޝެއާކުރި މީހާ ވަޒީފާއިން ވަކިކުރީ ރަނގަޅަށް: ހައިކޯޓް

ދިވެހިރާއްޖޭގެ ހައިކޯޓް - ފޮޓޯ: އަވަސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފޮޓޮއެއް ޖެހުމަށްފަހު ބަދު ދުއާ ކޮށްފައިވާ ޕޯސްޓެއް ފޭސްބުކްގައި ޝެއާކުރި މީހަކު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ވަޒީފާއިން ވަކިކޮށްފައިވަނީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ އިސްމާއިލް ސިވާން އެމްއޭސީއެލްގެ ޑްރައިވަރުގެ ވަޒީފާގައި އުޅެމުން 2017 ވަނަ އަހަރު ފޭސްކުގައި ޝެއާ ކުރި ޕޯސްޓަކާ ގުޅިގެން ވަޒީފާއިން ވަކިކުރުމުން އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާ، އެ ޓްރައިބިއުނަލުން ނިންމި ގޮތާމެދު ހިތްހަމަ ނުޖެހިގެން އިސްމާއިލް ސިވާންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާފައިވާ މައްސަލައެކެވެ.

އިސްމާއިލް ސިވާން ޝެއާކުރި ޕޯސްޓުގައި ރައީސް ޔާމީންގެ ފޮޓޮއާއެކު "ނުބައި ޝައިތާނުގެ ކިބައިން ދިވެހި އުއްމަތް ސަލާމަތްކުރައްވާށި!" ލިޔެފައިވާއިރު، ޓްރައިބިއުނަލްގައި އޭނާވަނީ އެ ޕޯސްޓް ޝެއާކޮށްފައިވަނީ އަމިއްލައަށް ކަމަށް އިއުތިރާފްވެފައެވެ. އަދި ޓްރައިބިއުނަލުން ނިންމާފައިވަނީ އޭނާ އެމްއޭސިއެލްގެ ވަޒީފާއިން ވަކިކޮށްފައިވަނީ ރަނގަޅަށް ކަމަށާއި، ވަޒީފާ އަނބުރާ ދޭންނުޖެހޭ ކަމަށެވެ.

ހައިކޯޓުގައި އިސްމާއިލް ސިވާންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރުމުން އިއްޔަ އިއްވި ހުކުމުގައި ހައިކޯޓުން ބުނެފައިވަނީ، އެ ޕޯސްޓަށް ނަޒަރު ކުރުމުން އިސްމާއިލް ސިވާން އެ ޕޯސްޓް ހިއްސާކޮށްފައިވަނީ ނުބައި ނިޔަތެއް ނެތިކަމަށް ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ބެލޭނެ ހަމައެއް އޮތްކަމަށް ނުފެންނަ ކަމަށެވެ.

"އެ މީހަކު ދައްކާވާހަކައާއި ކުރާ އަމަލާއި ފާޅުކުރާ ޝުއޫރާއި ހިއްސާކުރާ އެންމެހައި މައުލޫމާތުތަކަށް އެމީހަކު ޒިންމާ އުފުލަންޖެހޭނެއެވެ. މި މައްސަލައިގައި ބަދު ދުއާ ރައްދުވަނީ ޤައުމުގެ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެއީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ކަމެއް ނޫނެވެ." ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުން ފާހަގަކޮށްފައިވާ ނުކުތާތަކުގައިވެއެވެ.

މީގެ އިތުރުން ހުކުމުގައި ބުނެފައިވަނީ އިސްމާއިލް ސިވާންއަކީ ވަޒީފާގެ ހައިސިއްޔަތުން، ވީވީއައިޕީއާއި ވީއައިޕީއިންގެ ޑްރައިވަރުގެ ގޮތުން އެއާޕޯޓުން ހިދުމަތް ހޯދާ ޤައުމުގެ އިސްވެރިންނާ ގާތުން މުއާމަލާތުކުރުމުގެ ފުރުސަތު ތަނަވަސްވެފައިވާ މުވައްޒަފަކަށް ވީއިރު، އޭނާކޮށްފައިވާ އަމަލުގެ ގޮތުން އެފަދަ ވިސްނުމެއްގެ މުވައްޒަފަކު ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ތަނެއްގެ ވަޒީފާގައި ބެހެއްޓުމަކީ ތަނުގެ މަސްލަހަތާއި ތަނުން ހިދުމަތް ހޯދާ ޤައުމުގެ އިސްވެރިންނާއި އެނޫން ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިމަަށް ހުރަސް އެޅިދާނެ ކަމެއްކަމަށް ބެލެވޭ ކަމަށެވެ. އަދި އޭނާ ކޮށްފައިވާ ކަމަކީ، މުވައްޒަފަކު ވަޒީފާއިންވަކިކުރުމަށް ޖާއިޒު ސަބަބެއްކަމަށްވެސް ބުނެފައެވެ.

އެހެންކަމުން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ ޓްރައިބިއުނަލުގެ ނިންމުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް އޮތްކަމަށް ނުފެންނަކަމަށެވެ

މި މައްސަލަ ހައިކޯޓުގައި ބައްލަވާފައިވަނީ ފަނޑިޔާރު އަބްދުﷲ ހަމީދު، ފަނޑިޔާރު އަބްދުއްރައޫފު އިބްރާހިމް އަދި ފަނޑިޔާރު މުހައްމަދު ފައިސަލްއެވެ.