Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު ޝަރުއީ ދާއިރާ

ހަރުކަށި ފިކުރު: އައްޑޫން ހައްޔަރު ކުރީ ބޮން ހަދާ ތަކެތި ގެންގުޅުނު ބަޔަކު

ހަރުކަށި ފިކުރުގެ މައްސަލައިގައި އައްޑޫސިޓީން ހައްޔަރު ކުރި މީހުންގެ އަތުން ބޮން ހަދާ ތަކެތި ފެނިފައިވާކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ އެ ފަސް މީހުން ބަންދުން ދޫކޮށްލި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މީހުންގެ މައްސަލައިގައި ހައިކޯޓުން މިއަދު ކުރި ހުކުމުގައި މައްސަލައިގެ ރިޕޯޓްގައެވެ.

ހަރުކަށި ފިކުރުގެ މައްސަލައިގައި އައްޑޫސިޓީން ހައްޔަރުކޮށްފައިވަނީ، އިއުތިސާމް މުހައްމަދު ސައީދު، ގަމަރީ/ ގދ. މަޑަވެލި، މަފްތޫހް ސައީދު، ވިކްޓްރީ، ގއ. ކޮލަމާފުށި، ހަސަން ޝިހާނު އިބްރާހިމް، ކާކީގެ/ ސ. ހިތަދޫ، އަބްދުﷲ ހައިޝަމް، ސައީދާމަންޒިލް/ ސ. މީދު އަދި މުހައްމަދު ތަސްލީމް، އަލަނާސިގެ/ ހއ. ހޯރަފުށިއެެވެ.

ހައިކޯޓުގެ ޝަރިއަތް ނިމުނުގޮތުގެ ރިޕޯޓްގައިވާގޮތުން އިއުތިސާމް މުހައްމަދު ސައީދު ހައްޔަރުކުރީ، މުހައްމަދު ތަސްލީމް ޓެރަރިޒަމް އަމަލުތައް ހިންގުމަށް އަމަލީގޮތުން މަސައްކަތްކޮށް ހަރުކަށި ފިކުރު ފެތުރުމާއި ޓެރަރިޒަމްގެ އަމަލްތައް ހިންގުމަށް ހިތްވަރުދީ އަދި ގޮވާތަކެތި ހެދުމުގެ މައުލޫމާތު އެހެން މީހުނަށް ފޯރުކޮށްދޭކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އިއުތިސާމް މުހައްމަދު ސައީދުގެ ބައިވެރިވުން އޮތްކަމަށް ތުހުމަތު ކުރެވިގެންނެވެ.

މުހައްމަދު ތަސްލީމް ހައްޔަރުކުރީ، ޓެރަރިޒަމް އަމަލުތައް ހިންގުމަށް އަމަލީގޮތުން މަސައްކަތްކޮށް ހަރުކަށި ފިކުރު ފެތުރުމާއި ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ހިތްވަރުދީ އަދި ގޮވާތަކެތި ހެދުމުގެ މައުލޫމާތު އެެހެން މީހުންނަށް ފޮރުކޮށްދީ ހަރުކަށި ފިކުރުގެ ފަރާތްތަކާ ގާތްގުޅުމެއް ބާއްވަމުންދާ ކަމަށް ތުހުމަތުކުރެވިގެންނެވެ.

އަދި މަފްތޫހު ސައީދު، ހަސަން ޝިހާނު އިބްރާހިމް އަދި އަބްދުﷲ ހައިޗަމް ހައްޔަރުކޮށްފައިވަނީ، އައްޑޫސިޓީގައި ވަކި ޖަމާއަތެއްގެ ގޮތުގައ ހަރުކަށި ފިކުރު ފެތުރުމަށްޓަކައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ އައި.އީ.ޑީ ހެދުމަށް ބޭނުންކުރާ ތަކެތި ރައްކާކޮށްގެން ގެންގުޅެ، އެ ތަކެތި ބޭނުންކޮށްގެން ބަޔަކަށް ނުވަތަ ބައެއްގެ މުދަލަށް ގެއްލުމެއް ދީފާނެކަމަށް ތުހުމަތު ކުރެވިގެންނެވެ.

އައްޑޫސިޓީން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އިއުތިސަމްއަކީ 2017 ވަނަ އަހަރު އައިއީޑީއެއް ތައްޔާރުކުރުމަށް ބޭނުންވާ ތަކެއްޗާއި ކެމިކަލް، ތަނެއްގެ ތެރޭގައި ތައްޔާރުކޮށް އައިއީޑީއެއް ހަދާ އެ ގޮއްވާލުމަށް ރާވަމުންދާކަމުގެ ތުހުމަތުގައި ހައްޔަރުކުރެވިފައި ހުރި މީހެކެވެ.

"އަދި ފުުލުހުންގެ އިންޓެލިޖެންސް ރިޕޯޓްގައި ބަޔާންކުރާ ތަނުގައި އެ ރިޕޯޓުގައި ބަޔާންކުރާ މީހުން ފިޔަވައި އިތުރު އެހެން އެއްވެސް ބަޔަކަށް އެތަނަށް ނުވަދެވޭގޮތަށް، އެކަމުގައި ބޭނުންކުރާ ބައެއް ކެމިކަލް ބޭނުންކޮށްގެން އައިއިޑީއެއް ހަދައި ގޮއްވާލުމަށް އުޅޭކަމަށް މިފަހަރުވެސް ތުހުމަތު ކުރެވެއެވެ." މައްސަލައިގެ ރިޕޯޓްގައި އިއުތިސަމް މުހައްމަދު ސައީދާ ގުޅުވާލެވޭ ހެކިތަކުގެ ތެރޭގައި ލިޔެފައިވެއެވެ.

މައްސަލައިގައި ތުހުމަތު ކުރާ މަފްތޫހް ސައީދާ ގުޅޭ ހެކިތަކާ ގުޅޭގޮތުން މައްސަލައިގެ ރިޕޯޓްގައި ބުނެފައިވަނީ، ބަލާފާސްކުރުމުގެ ތެރޭގައި އަތުލިޔުމުން އިނގިރޭސިބަހުން ލިޔެފައި އޮތް ޑޮކިއުމެންޓެއް ފެނިފައިވާކަމަށާއި، އެ ޑޮކިއުމެންޓްގައި "އެބައިމީހުންގެ ލޭ އޮހޮރުވާލެވޭހިނދު، އެބައިމީހުންގެ ފާފަފަތައް ފޮހެވިގެންދެއެވެ." އަދި މި ނޫންވެސް މިފަދަ އިބާރާތްތައް ހިމެނޭ ކަމަށެވެ.

މި ފަސް މީހުން ބަންދުން ދޫކޮށްލުމުން ޕީޖީން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން މިއަދު ހައިކޯޓުން ވަނީ އެ މީހުން ބަންދުން ދޫކޮށްލުމަށް ކުރި އަމުރުތައް ބާތިލު ކަމަށެވެ. އަދި މި 5 މީހުން މިއަދުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރު ކުރެއްވިއެވެ.