Last Updated: April 20, 09:35
Saturday, April 20, 2024
ޚަބަރު އެމްޑީޕީ

ރައީސް ނަޝީދަށް ދިން ހަމަލާއަކީ ޕާޓީގެ ފިކުރަށް ދިން ހަމަލާއެއް: އެމްޑީޕީ

ރައިސް މުހައްމަދު ނަޝީދަސް އަމާޒުކޮށްދިން ބޮމުގެ ހަމަލާއަކީ އެމްޑީޕީގެ ފިކުރަށް ދިން ހަމަލާއެއްކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑީޕީން މިފަދައިން ބުނެފައިވަނީ، އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހާއި ގުޅިގެން ނުރުނު ތަހުނިޔާގެ މެސެޖުގައެވެ.

އެ މެސެޖުގައި އެމްޑިޕީން ބުނެފައިވަނީ، 16 ވަނަ އަހަރު ފުރުން ފާހަގަކުރަން ޖެހިފައި މިވަނީ މި ޕާޓީގެ އެންމެހައި މެމްބަރުންނަށާއި މި ޕާޓީއަށް ތާއީދުކުރާ އެންމެހައި ފަރާތްތަކަށް ނުހަނަ ބޮޑު ސިހުމަކާއި ހިތާމައެއް ލިބިފައިވާ ދަނޑިވަޅެއްގައެވެ. ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަކީ އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ހަމަލާއެއްގެ އިތުރަށް، މި ޕާޓީގެ ފިކުރަށާއި މި ޕާޓީ ބިނާވެފައިވާ އަސްލުތަކަށާއި މި ޕާޓީގެ ނުގުޑާ އަޒުމަށާއި ހިތްވަރަށް ދިން ހަމަލާއެއްކަމަށެވެ.

"ނަމަވެސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވާ ފަދައިން މި ފިކުރަކީ މި ޤައުމުން އަލުން ފޮހެލެވޭނޭ ފިކުރެއް ނޫނެވެ. އެމް.ޑީ.ޕީ. އަކީ ދިވެހިންނަށް ސިޔާސީ، އިޖްތިމާޢީ، އިޤްތިޞާދީ އަދި ފަރުދީ މިނިވަންކަމާއި އިންސާނީ ޙައްޤުތަކާއި އިންސާފު ހޯދައިދިނުމުގެ މައްޗަށް ބިނާވެގެން ވަކާލާތުކުރާ ފިކުރެވެ." އެމްޑީޕީގެ ތަހުނިޔާގެ މެސެޖުގައިވެއެވެ.

މީގެ އިތުރުން އެމްޑީޕީން ބުނެފައިވަނީ އެޕާޓީގެ އަޒުމާ، ހިތްވަރާއި ސާބިތުކަމަށް ގުޑުން ގެނައުމަށްޓަކައި ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ޙަމަލާއަށް ފަހު ވެސް، އެމަނިކުފާނާއި ޕާޓީ އަބަދުވެސް ދެމި އޮންނާނީ ޕާޓީ ބިނާވެގެންވާ އަސްލުތައް ނަގަހައްޓައި ކުރިއެރުވުމަށާއި ރައްޔިތުންނަށް ޙައްޤު މިންވަރު ހޯދައިދިނުމަށް ކަމަށެވެ.

އެމްޑީޕީއަށް 16 އަހަރު ފުރޭ އަހަރީ ދުވަސް މިއަދު ފާހަގަކުރަމުން އަންނައިރު މިއަދު ވަނީ ޕާޓީގެ ދިދަ ނެގުމުގެ ރަސްމިއްޔާތުވެސް ކުރިއަށް ގެންގޮސްފައެވެ.