Last Updated: April 18, 18:15
Thursday, April 18, 2024
ޚަބަރު ކޮވިޑު އަތޮޅުތަކަށް

ނައިފަރު ކައުންސިލްގެ ޝަކުވާ: ކޮވިޑްގެ މި ހާލަތުގައި ސަރުކާރުގެ އެއްބާރުލުން ނުލިބޭ!

ޅ. ނައިފަރު--

ކޮވިޑް-19 ގައި ހާލަތު ގޯސްވެ ޅ. ނައިފަރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މަރޗް 23 ވަނަ ދުވަހުއެވެ. އެރަށް މޮނިޓަރިންގެ ހާލަތުގައި އޮންނަތާ މިހާރު ތިން މަސް ފުރެފައިވާއިރު މާލެ ސަރަހައްދު ފިޔަވައި މިފަހުން އެންމެ ގިނަ ދުވަހު މޮނިޓަރިންގެ ހާލަތުގައި އޮތް ރަށަކީ ނައިފަރެވެ.

ނައިފަރު މޮނިޓަރިންގައި އޮންނަތާ ގިނަ ދުވަސްތަކެއްވެފައިވާއިރު ރަށުގެ އާންމު ހާލަތާއި ގުޅޭގޮތުން "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވަނީ ހުރި ކަންބޮޑުވުންތައް ފާހަގަ ކުރައްވާފައެވެ.

ރަޝީދު ވިދާޅުވީ މިވަގުތު ނައިފަރުގައި ރަށުތެރޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީފައިވާކަމަށެވެ. މިވަގުތު ހަމައެކަނި މަނަލީ ރަށަށް އަރާފޭބުމެވެ.

މޮނިޓަރިންގައި ގިނަ ދުވަސްތަކެއް އޮންނަންޖެހުމާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވެފައިވާ މާލީ ދަތިތައް ބޮޑުކަން ފާހަގަކޮށް ރަޝީދު ވިދާޅުވީ ރައްޔިތުންނަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުގެ ޝަކުވާ އެ ރައްޔިތުން ކައުންސިލާއި ކުރަމުން އަންނަކަމަށެވެ. އަދި އެކަމުގައި ސަރުކާރުގެ އެކި އިދާރާތަކަށް ލިޔެފައިވާކަމަށާއި، އެހެންނަމަވެސް އަދި އެކަންކަމަށް އެއްބާރުލުން ނުލިބޭކަމަށެވެ.

މާލީ ދަތިކަމުގެ ސަބަބުން ރައްޔިތުންގެ ޝަކުވާ އެންމެ ބޮޑުވެފައިވަނީ ކަރަންޓު ބިލު ފަދަ ބިލުތައް ދެއްކުމުގައި ކަން ރަޝީދު ފާހަގަކުރެއްވިއެވެ. އަދި އެފަދަ ކަންކަމުގައި ހާއްސަކޮށް ލުޔެއް ހޯދުމަށް ސަރުކާރުގައި ދަންނަވާފައިވާކަމަށް ވިދާޅުވިއެވެ.

ނައިފަރު ކައުންސިލްގެ ރައީސް ވިދާޅުވީ ރައްޔިތުންނަށް އިތުރަށް އެހީވުމަށް ކައުންސިލާއި ހެޔޮއެދޭ ފަރާތްތައް ގުޅިގެން ކެއާޕެކޭޖުތައް ފޯރުކޮށްދެމުނުް އަންނަކަމަށެވެ.

"ސަރުކާރުގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބެޔޭ ބުންޏަސް ދޮގަކަށް ނުވާނެ. މާލީގޮތުން ރައްޔިތުން ވަރަށް ދަތިކޮށްތިބީ، އެހީތެރިކަމެއް ފޯރުކޮށްދިނުން މުހިންމު." ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ނައިފަރުގެ މޮނިޓަރިން ހާލަތު އިތުރު 14 ދުވަހަށް ދަންމާލާފައި މިހާރު އޮތީ އެރަށުން މީހަކު ފުރަން ވެގެން ނެގި ސާމްޕަލެއް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

ނައިފަރުގައި މިވަގުތު އެކްޓިވް 12 ކޭސް އެބަތިއްބެވެ. އަދި ނަތީޖާ ނުލިބި 20 ސާމްޕަލެއް ވާކަމަށް މައުލޫމާތު ދީފައިވެއެވެ.