Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު ހަރުކަށި ފިކުރު

ހަރުކަށި ފިކުރު: މަފްތޫހް އަނެއްކާވެސް ހައްޔަރުކޮށްފި

މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ މަފްތޫހް ސައީދުގެ އަޑުއެހުމުގެ ތެރެއިން--

ރައްޔިތުންގެ މަޖިލީހުގެ ރައިސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން ފުލުހުން ހަރުކަށި ފިކުރާ ދެކޮޅަށް ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި އައްޑޫސިޓީން ހައްޔަރުކުރި ގއ. ކޮލަމާފުށި މަފްތޫހް ސައީދު އަނެއްކާވެސް ހައްޔަރުކޮށް ބަންދުކޮށްފިއެވެ.

މަފްތޫހް ބަންދުކޮށްފައި ހުންނަ މައްސަލައިގައި ދަށުކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށް ނެރުނު އަމުރު މަފްތޫހްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ޖޫން 30 ވަނަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ މަފްތޫހް ސައީދު ބަންދުކުރުމަށް ހައިކޯޓުން ނެރެފައިވާ އަމުރަކީ ބާތިލު އަމުރެއް ކަމަށެވެ. އަދި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓް ފިޔަވައި މަފްތޫހު ސައީދުގެ މައްޗަށް ތަހުގީގުގައި އެހެނިހެން ހެކި ލިބިފައިވާނަމަ އެ ހެކިތަކަށް ރިއާޔަތްކޮށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ ދަށުން މަފްތޫހު ސައީދުގެ ބަންދުގެ މުއްދަތު އިތުރުކުރަންޖެހޭތޯ ބެލުމަށް، މި މައްސަލަ އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު ފުލުހުންގެ ހިދުމަތަށް ލިބިގެންވާ ކަމަށެވެ.

މަފްތޫހް އަލުން ހައްޔަރުކޮށް ބަންދުކުރުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިދޭގޮތަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން އެކަމުގައި ފުލުހުން އަމަލުކުރި ގޮތެއް ސާފު ކުރުމަށް "އައްޑޫލައިވް"އިން ކުރި ސުވާލަށް ޖަވާބު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޖުލައި 1 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން މަފްތޫހް އަލުން ހައްޔަރުކޮށްފައިވާކަމަށެވެ.

އަދި އޭނާގެ ބަންދަށް ކޯޓުން 14 ދުވަސް ދީފައިވާކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މަފްތޫހަށް ތުހުމަތު ކުރަނީ ބޮން ހަދާ ތަކެތި ގެންގުޅޭކަމަށް!

މަފްތޫހު ސައީދު ހައްޔަރުކޮށްފައިވަނީ، އައްޑޫސިޓީގައި ވަކި ޖަމާއަތެއްގެ ގޮތުގައ ހަރުކަށި ފިކުރު ފެތުރުމަށްޓަކައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ އައި.އީ.ޑީ ހެދުމަށް ބޭނުންކުރާ ތަކެތި ރައްކާކޮށްގެން ގެންގުޅެ، އެ ތަކެތި ބޭނުންކޮށްގެން ބަޔަކަށް ނުވަތަ ބައެއްގެ މުދަލަށް ގެއްލުމެއް ދީފާނެކަމަށް ތުހުމަތު ކުރެވިގެންނެވެ.

މަފްތޫހް ސައީދު ދިރިއުޅޭތަން ބަލާފާސްކުރުމުގެ ތެރޭގައި އަތުލިޔުމުން އިނގިރޭސިބަހުން ލިޔެފައި އޮތް ޑޮކިއުމެންޓެއް ފެނިފައިވާއިރު، އެ ޑޮކިއުމެންޓްގައި "އެބައިމީހުންގެ ލޭ އޮހޮރުވާލެވޭހިނދު، އެބައިމީހުންގެ ފާފަފަތައް ފޮހެވިގެންދެއެވެ." އަދި މި ނޫންވެސް މިފަދަ އިބާރާތްތައް ހިމެނޭ ކަމަށް މައުލޫމާތުލިބެއެވެ.

އައްޑޫސިޓީގައި ހަރުކަށި ފިކުރާ ދެކޮޅަށް ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި ބޮން ހަދާތަކެތި ގެންގުޅޭކަމަށް ތުހުމަތުކޮށް މަފްތޫހްގެ އިތުރުން ހައްޔަރުކުރީ އިއުތިސާމް މުހައްމަދު ސައީދު، ގަމަރީ/ ގދ. މަޑަވެލި، ހަސަން ޝިހާނު އިބްރާހިމް، ކާކީގެ/ ސ. ހިތަދޫ، އަބްދުﷲ ހައިޝަމް، ސައީދާމަންޒިލް/ ސ. މީދު އަދި މުހައްމަދު ތަސްލީމް، އަލަނާސިގެ/ ހއ. ހޯރަފުށިއެެވެ.