Last Updated: April 25, 10:47
Thursday, April 25, 2024
ޚަބަރު ކޮވިޑު ވެކްސިން

ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ލުއިދެނީ

ނައިބު ރައީސް ވެކްސިން ޖައްސަވަނީ - ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ވަރަށް އަވަހަށް ލުއިދޭން ނިންމައިފިއެވެ.

އިތުބާރު ހުރި މަސްދަރަކުން "އައްޑޫލައިވް"އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ކޮވިޑް-19ގެ ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އީދު ބަންދާ ދިމާކޮށް އިތުރު ލުއިތަކެއް ދޭން ނިންމާފައިވާކަމަށެވެ. އަދި ކަމާގުޅޭ މަޝްވަރާތައްވެސް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

އެހެންނަމަވެސް ލުއި ދިނުމުގައި ވެކްސިން ފުރިހަމަކޮށްފައިވާ މީހުންގެ އަދަދާއި ބައްޔަށް ޕޮޒިޓިވްވާ އަދަދަށް ބަލާނެކަމަށް މައުލޫމާތު ދީފައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއި ދިނުމަށް ނިންމާ އެކަން މިއަދު އިއުލާނުކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މެންދުރު 02:30 ގައި ލުއި ތައް އިއުލާނު ކުރުމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް އަދި ޑރ. ނަޒްލާ ރަފީގް ޕްރެސްއާ ބައްދަލުކުރާނެކަމަށް ރައީސް އޮފީހުން މައުލޫމާތު ދިފައިވެއެވެ.

މީގެ ކުރިން ހެލްތް މިނިސްޓަރު ވިދާޅުވީ، ވެކްސިން ފުރިހަމަ ކުރިނަމަވެސް ލުއި ދިނުމަށް އޭރު ނިންމާފައިނުވާކަމަށެވެ. އަދި ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުން ދަތުރުކުރާއިރު ކަރަންޓިން ވާންޖެހޭނެކަމަށްވެސް ކުރިން މިނިސްޓަރު ވިދާޅުވެފައިވެއެވެ. އަދި އެ ނިންމުމަށް ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވެފައިވެއެވެ.