Last Updated: March 28, 17:21
Thursday, March 28, 2024
ޚަބަރު ނަޝީދަށް ދެވުނު ޓެރަރިސްޓު ހަމަލާ

ހަރުކަށި ފިކުރު: އިއްޔަ ކޯޓުން ދޫކޮށްލި ދެ މީހަކު އަނެއްކާވެސް ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓު ހަމަލާގެ ތަހްގީގުގައި ފުލުހުން ހަރަކާތްތެރިވަނީ، ފޮޓޯ: ޕޮލިސް

ކްރިމިނަލް ކޯޓުން އިއްޔަ ދޫކޮށްލި ހަރުކަށި ފިކުރުގެ ތިން މީހުންގެ ތެރެއިން ދެ މީހުން އަނެއްކާވެސް ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އިއްޔަ ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވަނީ، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން، ހަރުކަށި ފިކުރާ ދެކޮޅަށް ކުރިއަށްގެންދިޔަ އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކޮށްފައިވާ ތިން މީހެކެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ، އޭގެތެރެއިން ދެ މީހުން ރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާކަމަށެވެ. އަދި އެމީހުން މިފަހަރު ހައްޔަރުކޮށްފައިވަނީ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން މޭ 6 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއާ ގުޅިގެންކަމަށްވެސް ބުނެފައިވެއެވެ.

ހަރުކަށި ފިކުރުގެ ތިން މީހަކު އިއްޔަ ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާއިރު އެމީހުން ދޫކުރުމުގެ އަމުރު ނެރެފައިވަނީ ގާޒީ ހަސަން ސައީދުއެވެ. އެ މީހުން ބަންދުން ދޫކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރާނެކަމަށް ޕީޖީން އިއްޔެ ވަނީ ބުނެފައެވެ.