Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު ރައީސް ޔާމީން

2023 އަށް ޕީޕީއެމުން އިތުރު ކެނޑިޑޭޓަކަށް ނުވިސްނަން: އަބްދުއްރަހީމް

ފޮޓޯ: ނިޝާން އަލީ/މިހާރު

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އިތުރު ކެނޑިޑޭޓެއްގެ ވިސްނުން ނުގެންގުޅޭކަމަށާއި، ޕީޕީއެމްގެ ކެނޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް އިދިކޮޅު ކޯލީޝަން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

"އައްޑޫލައިވް"އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ، 2023 ގެ ރިޔާސީ އިންތިހާބާއި މެދު ޕީޕީއެމް ޕީއެންސީ އަދިވެސް އޮތީ އެންމެ ފުރަތަމަ ނިންމި ގޮތަށް ކަމަށާއި، އެއީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.

"އަޅުގަނޑުމެން ޤަބޫލުުރަނީ ޝަރުއީ މަރުހަލާ ނިމިގެންދާއިރު އެމަނިކުފާނަކީ މައުސޫމް ބޭފުޅެއްކަން ރައްޔިތުންނަށް ސާބިތުވާނެ ކަމަށާއި، އެމަނިކުފާނު މިނިވަންވާނެކަމަށް."

ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލުހުކުމެއް އިއްވާފައިވާއިރު ކްރިމިނަލް ކޯޓުގެ ހުކުމަށް ހައިކޯޓުން ވަނީ ތާއީދު ކޮށްފައެވެ. އެ މައްސަލައިގައި މިހާރު އޮތީ ސުޕްރީމް ކޯޓުގެ މަރުހަލާ އެކަންޏެވެ.

އަންނަ ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ކެނޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީންގެ ތާއީދާއެކު އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ނިކުންނެވުމަށް ތައްޔާރުވަމުން އަންނަކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ، އެއީ އެއްވެސް ހަޤީޤަތެއް އޮތް ވާހަކައެއް ނޫން ކަމަށާއި، ޕީޕީއެމް ޕީއެންސީގެ ކޯލިޝަންގެ އެތެރެ ރޫޅާލުމަށްޓަކައި އެ ޕާޓީގެ އިދިކޮޅު ފަރާތްތަކުން އެކި ވާހަކަތައް ދައްކާނެކަމަށެވެ. ޑރ. ޝަހީމް މިވަގުތު ހުންނެވީ އިދިކޮޅުގެ އެޑްވައިޒަރެއްގެ ގޮތުގައެވެ. އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ވިސްނުމަކީ ރައީސް ޔާމީން އަނބުރާ ވެރިކަމަށް ގެނައުން ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމެއް ނެތް އިތުރު މީހަކާ ދޭތެރޭގައެއް. އަޅުގަނޑުމެންގެ ވިސްނުމަކީ 2023 ގެ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީނޭ."

"ރައީސް ޔާމީން ފުލުހަށް ހާޒިރުކުރީ ބިރުދައްކަން"

އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅޭ އިތުރު ރަށެއްގެ މައްސަލައިގައި ރައީސް ޔާމީން އިއްޔަ ފުލުހަށް ހާޒިރުކޮށްފައިވާއިރު އަބްރުއްރަހީމް ވަނީ އެކަމާ ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ. އެގޮތުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް މިހާރުވެސް އިއްވާފައިވާ ހުކުމަކީ އިންސާފުން ބޭރުން އިއްވާފައިވާ ހުކުމެއް ކަމަށް ދިވެހި ގިނަ ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.

އެމްޑީޕީގެ ތެރޭގައި ބައިބައިވުން އުފެދި އެތެރޭގެ ހަމަނުޖެހުން އުފެދިފައިވާއިރު، އިއްޔަ ރައީސް ޔާމީން ފުލުހަށް ގެންގޮސްފައިވަނީ އެމްޑީޕީގެ އާންމު މެމްބަރުން މިދަނޑިވަޅުގައި ތިބި ނުތަނަވަސްކަމުން ބޭރަށްނެރެ ހިތްހަމަ ޖައްސާލުމުގެ ގޮތުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ރައިސް ޔާމީން ފުލުހަށް ހާޒިރުކޮށްގެން މިސަރުކާރުން އެމަނިކުފާނަށް ބިރުދައްކަން މަސައްކަތް ކުރާކަމަށް ވިދާޅުވިއެވެ.

"އަބަދުވެސް ރައީސް ޔާމީނަށް ކޮންމެވެސް އަނިޔާއެއް ދެވޭތޯ މި ސަރުކާރުން ބަލަނީ. އެ އަނިޔާއަކީ އެމަނިކުފާނުގެ ސިޔާސީ ހަޔާތް ނިމުމަކަށް ގެނައުމަށް ދެވޭ އަނިޔާއެއް."

އެހެން ސިޔާސީ ލީޑަރުންނާ ހިލާފަށް ރައިސް ޔާމީން ގައުމު ދޫކޮށް ފުރައިގެން ނުދާނެކަމަށާއި، އެމަނިކުފާނު ހުންނަވާނީ ރާއްޖޭގައި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ހުއްޓިފައިއޮތް އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ހަރަކާތްތައް ވަރަށް އަވަހަށް ފަށާނެ ކަމަށާއި، އެކަން ކުރާނީ ރައްޔިތުންގެ ސަލާމަތަށް ވިސްނައިގެން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެގޮތުން އެންމެ ބޮޑު އިސްކަމެއް ދީގެން މަސައްކަތްކުރާނީ 2023ގެ ރިޔާސީ އިންތިހާބަށް ވާއިރަށް ރައީސް ޔާމީން މިނިވަން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްކަމަށާއި، އަދި އޭގެ އިތުރުން ރައްޔިތުންގެ ހައްޤުތަކާ ގުޅޭ މައްސަލަތަކުގައިވެސް އިދިކޮޅުން މަސައްކަތް ކުރާނެކަމަށް ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ހާއްސަ ފިޔަވަޅުތަކުގެ ތެރެއިން ރައީސް އަބްދުﷲ ޔާމީން މިވަގުތު ހުންނެވީ ގޭބަންދަށް ބަދަލުކޮށްފައެވެ.