ޖިންސީ ގޯނާގެ މައްސަލަތަކެއްގައި ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރުގައި ބަހައްޓައިގެން އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދު ކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ، އެ މައްސަލައިގައި ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާކަމަށެވެ.
އަލީ ވަހީދުގެ މައްސަލަައިގައި ކްރިމިނަލް ކޯޓުން އަލީ ވަހީދު ރާއްޖެއިން ބޭރުގައި ބަހައްޓައިގައި އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ޖޫން 25 ވަނަ ދުވަހުއެވެ.
ހައިކޯޓުން ދެން ބުނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން، އަލީ ވަހީދުއަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލަ ހުށަހެޅިފައިވާ ގޮތަށް އިސްތިއުނާފީ ދަޢުވާއެއްގެ ގޮތުގައި ކުރިޔަށް ގެންދާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި އެ މައްސަލައިގެ ދަޢުވާފޯމު ބާތިލުކޮށްފައިވާ ކަމަށެވެ.
އަލީ ވަހީދުގެ މައްސަލައިގައި މީގެ ކުރިން ޕީޖީން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ޢަލީ ވަހިދު ޝަރީއަތުގައި ބައިވެރިވެފައިވަނީ ކޮންތަނެއްކަން ނޭނގޭ ތަނެއްގައި ހުރެ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށާއި މައްސަލައިގެ އަޑުއެހުން ފެށުމާއެކު، ކުށުގެ ތުހުމަތުކުރެވޭ މީހާ ދިވެހިރާއްޖޭގެ ޖޫރިސްޑިކްޝަނުން ބޭރުގައި ހުރެ ޝަރީއަތުގައި ބައިވެރިވާކަމަށް ބެލެވޭތީ ދައުލަތުން އެ ކަމަށް އިއުތިރާޟުކޮށް، އެކަން ވެފައިވާގޮތް ސާފުކުރުމަށް ޝަރީއަތާ ސުވާލު ކުރިމަތިކުރުވި ކަމަށެވެ.
"ރާއްޖޭގެ ޤާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލައެއްގެ ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވި މިއީ ފުރަތަމަ ފަހަރެވެ. މިއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު ދަންނަކަމެއް ނޫނެވެ. އެހެންކަމުން އެގޮތަށް ޝަރީޢަތް ކުރިއަށް ނުގެންދެވޭނަކަމަށް ބުނެ ދައުލަތުން އިޢުތިރާޟުކުރީމެވެ." ޕީޖީގެ ބަޔާނުގައިވެއެވެ.
އެހެންނަމަވެސް ޖަވާބުގައި މައްސަލަ ބައްލަވާ ޤާޒީ ހަސަން ސައީދު ވިދާޅުވެފައިވަނީ އެކަމަށް ކޯޓުން ގޮތެއް ކަނޑައަޅާފައިވާކަމަށާއި، އެކަމާ ގުޅިގެން އިތުރަށް ބަހުސް ނުކުރެވޭނެކަމަށެވެ. މި ނިންމެވުން ނިންމަވާފައިވަނީ، ކްރިމިނަލް ކޯޓުގެ އިސްޤާޟީ އަޙްމަދު ޝަކީލުގެ ލަފާ ލިޔުމުން ލިބިގެންކަމަށް ޤާޟީ ޙަސަން ސަޢީދު ވިދާޅުވެފައިވާކަމަށާއި، ނަމަވެސް، ޤާނޫނުގައި ވަކި ގޮތަކަށް އޮތް ކަމެއްގައި، އަދި އެކަމާބެހޭ ގޮތުން ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަވާފައި އޮތް ކަމެއްގައި، އެނޫން ގޮތަކަށް ލަފާ ދެއްވުމަކީ، އިސްޤާޟީ އަޙްމަދު ޝަކީލަށް ކުރެއްވޭނެ ކަމެއްކަމަށް ނުފެންނަ ކަމަށްވެސް ޕީޖީން މީގެ ކުރިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.