Last Updated: May 16, 19:20
Thursday, May 16, 2024
ޚަބަރު ޝަރުއީ ދާއިރާ

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓައި ނުދިން މައްސަލަ ހައިކޯޓަށް ބަލައިނުގަތް

ދިވެހިރާއްޖޭގެ ހައިކޯޓު: ފޮޓޯ / އަވަސް

ޖިންސީ ގޯނާގެ މައްސަލަތަކެއްގައި ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން ހިފަހައްޓައިނުދިން މައްސަލަ ހައިކޯޓަށް ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓެން ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ޖުލައި 8 ވަނަ ދުވަހުއެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ކުރީގެ ގަޒިއްޔާއަކާ ހަވާލާ ދެއްވައި ހައިކޯޓުގެ ރަޖިސްޓްރާ ނިންމަވާފައިވަނީ، އަލީ ވަހީދުގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެތީ އެ މައްސަލަ މިހާރު އޮތްގޮތަށް ބަލައިނުގަތުމަށެވެ.

މައްސަލަ ބަލައިނުގަތުމަށް ނިންމިނަމަވެސް، އެ ނިންމުމާމެދު ހިތްހަމަ ނުޖެހޭނަމަ 7 ދުވަހުގެ ތެރޭގައި އެ ނިންމުން އަލުން ބަލައިދިނުމަށް ހައިކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު ލިބިގެންވެއެވެ.

މީގެއިތުރުން އަލީ ވަހީދު ރާއްޖެއިން ބޭރުގައި ބަހައްޓައިގެން އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދު ކުރި މައްސަލަ ވެސް މިހާރު ވަނީ ޕީޖީގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.